އުމުރަށް ޖަލަށްލީ 314 މީހަކަށް ކުރީ ސަރުކާރުން ވަނީ މާފުދީ މިނިވަންކޮށްފައި

ޑިސެމްބަރު 15، 2019: ލާމަރުކަޒީ ބިލު ކުރީގެ ރައީސް ސޯލިހް ތަސްދީގު ކުރައްވަނީ ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ޑުރަގް ޓްރެފިކިންގެ މައްސަލަތަކުގައި އުމުރަށް ޖަލަށްލައިފައި ތިބި 314 މީހަކަށް ކުރީ ސަރުކާރުން ވަނީ މާފުދީ މިނިވަންކޮށްފައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މަސްތުވާތަކެތީގެ ކަންކަމުގައި ހުކުމް އިއްވައިފައި ތިބި ކުށްވެރިން މިނިވަންކޮށްފައި ހުރި ގޮތް ބަލައިފައިވާކަމަށެވެ.

އަދި ފާހަގަވީ އެ ފަދަ ކުށްވެރިން މިނިވަންކޮށްފައިވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

"...ބަލައިލިއިރު ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އުމުރަށް ޖަލަށްލައިފައި ތިބި، ޑްރަގް ޓްރެފިކްކުރުމުގައި ކުށުގައި އުމުރަށް ޖަލަށްލައިފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް އެބައިން ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މައާފުދެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ވިދާޅުވީ އުމުރަށް ޖަލަށްލުމަށް މީހަކަށް ހުކުމްކުރަނީ ފުލުހުން އެ މީހަކާމެދު ހިންގާ ވަރަށް ބޮޑު ބުރަ ތަހުގީގަކަށްފަހު ސާބިތުވާ މިންވަރަށް ބޮޑެތި ކަންކަން ފާހަގަވުމުންކަމަށެވެ.

ނަމަވެސް އެއާއެކު ވެސް އެ ފަަދަ ބޮޑެތި ކުށްވެރިން މިނިވަންކޮށްފައި ތިބުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

"ސާބިތުވުމަށްފަހު މިހާ ފަސޭހައިން އުމުރުދުވަހުގެ ޖަލުހުކުމް މާފުކުރެވޭ ކުރެވުން މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް،" އެ ފަދަ ކުށްވެރިން އެ ކުށްކުށަށް ތަކުރާރުކޮށް އަރައިގަންނަކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކުޑަކުދިންނާ ބެހުމާއި، ޖިންސީ ގޯނާފަދަ މައްސަލަތަކުގައި ބަންދުގައި ތިބި މީހުން ކަމަށެވެ.

އެފަދަ މީހުންނަކީ މުޖުތަމައަށް ދޫކޮށްފިނަމަ ނުރައްކަލަކަށް ވެދާނެ މީހުންކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް