ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގެންފި

މާޅޮސްމަޑުލު އުތުރުބުރިއާއި ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ހަ ދުވަހުގެ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރިއާއި ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ހަ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން، އަތޮޅުގެ ގިނަ ރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން އަތޮޅު ކައުންސިލްތަކާ ވެސް ބައްދަލު ކުރައްވާފައެވެ.

މި ބަައްދަލުކުރެއްވުންތަކުގައި އެ މަނިކުފާނު ވަނީ އެ ރަށްތަކާއި އަތޮޅުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންގެ އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކުގެ ލޯކަލް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބަައްލަވައި، ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނެ ގޮތާމެދު ވެސް އެ މަނިކުފާނު މަޝްވަރާ ކުރައްވައެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތް ކުރެއްވުން ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނަވައެވެ.

comment ކޮމެންޓް