މެލޭޝިޔާއިން އެމްއެޗް-370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ

ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ގައި ތިބި ޗައިނާ އާއި މެލޭޝިއާގެ ފަސިންޖަރުންގެ އާއިލާތައް، އެ ހާދިސާއަަށް 10 އަހަރު ފުރުން ފާހަގަކުރަނީ، ފޮޓޯ/އަލްޖަޒީރާ

ވީނުވީއެއް ގެއްލިފައިވާ މެލޭޝިޔާ އެއާލައިންސްގެ މަތިންދާބޯޓު، އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަން ވިސްނާ ކަމަށް އެ ގައުމުގެ ދަތުރުފަތުރާބެހޭ ވަޒީރު އެންތޮނީ ލޯކޭ ވިދާޅުވެއްޖެއެވެ.

ލޯކޭ އެގޮތަށް ވިދާޅުވީ އެމްއެޗް370 ގެއްލުމުގެ ހާދިސާއަށް 10 އަހަރު ފުރުން ފާހަގަކޮށް އެ ބޯޓުން ގެއްލުނު މީހުންގެ ހަނދާނުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްއެޗް370 ގެއްލުނީ 2014 ވަނަ އަހަރު މާޗު މަހުގެ އަށްވަނަ ދުވަހުއެވެ.

އެ ބޯޓު ގެއްލުނީ މެލޭޝިޔާގެ ވެރިރަށް ކުއާލާ ލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރި މަގުމަތީގައެވެ. ބޯޓު ގެއްލުނުއިރު 227 ޕަސިންޖަރުންނާއި 12 ކްރޫއިން ބޯޓުން ދަތުރުކުރިއެވެ. އެމްއެޗް370 ގެއްލުމުގެ ހާދިސާއަކީ މުޅި އޭވިއޭޝަން ތާރީޚުގައި ވެސް ހިނގި ވީނުވީއެއްނޭގޭ އެންމެ ބޮޑު ހާދިސާއެވެ.

އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރުމަށް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޯޝަން އިންފިނިޓީން ހުށަހަޅައިފައިވާ ކަމަށް ލޯކޭ ވިދާޅުވިއެވެ. އެ ކުންފުނިން މީގެކުރިން ވެސް ވަނީ ދެފަހަރެއްގެ މަތިން އެ ބޯޓު ހޯދުމުގެ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ދެ ފަހަރު ވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ.

ގެއްލުނު ބޯޓު ހޯދުމަށް އޯޝަން އިންފިނިޓީން އެންމެ ފަހުން މަސައްކަތް ކުރީ 2018 ވަނަ އަހަރުއެވެ. ބޯޓު ހޯދައިފިނަމަ 70 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭން މެލޭޝިޔާ ސަރުކާރުން އޮތީ އެ ކުންފުންޏަށް ހުށަހަޅައިފައެވެ.

2017 ވަނަ އަހަރު މެލޭޝިޔާ، ޗައިނާ އަދި އޮސްޓްރޭލިޔާ އިން ވެސް ވަނީ ބޯޓު ހޯދުމުގެ މަސައްކަތްކޮށްފައެވެ.

އެ ބޯޓުން ދަތުރުކުރި މީހުންގެ އާއިލާ މީހުން ވެސް ބޭނުންވަނީ އަދިވެސް ބޯޓު ހޯދުމުގެ މަސައްކަތް ކުރުމަށެވެ.

comment ކޮމެންޓް