ހުޅުމާލެއިން ގެއްލުނު 13 އަހަރުގެ ކުއްޖާ ފެނިއްޖެ

ހުޅުމާލެ ފުރަތަމަ ފިޔަވަހި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލެ އިން ރޭގެ ވަގުތެއްގައި ގެއްލުނު 13 އަހަރުގެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ރޭ 19:40 ހާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހިން އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރި ކަމަށެވެ. އެ ކުއްޖާ ގެއްލުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހި ރެޑްވޭވް މެގަމޯލް ފިހާރަ ކައިރިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ހޯދުމުގެ މަސައްކަތް ކުރަނިކޮށް އެ ކުއްޖާ ފެނުނީ މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުން ކަމަށް ފުލުހުން ބުނެއެވެ.

ފެނުނުއިރު ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި މިހާރު އެ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީހުން ގެއްލުމުގެ ރިޕޯޓު ދޭތެރެއަކުން ފުލުހަށް ހުށަހެޅި ނަމަވެސް، އިއުލާނު ކުރާތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ ފަހަރަށް އެމީހުން އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.

comment ކޮމެންޓް