ޖައިޝަންކަރު ރައީސަށް: އިންޑިއާއަކީ ބޮޑު ބުލީއެއްނަމަ 4.5 ބިލިއަން ޑޮލަރުގެ އެހީ ނުދިނީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު--

އިންޑިއާއަކީ ރާއްޖެއަށް ބުލީކުރާ "ބޮޑު ބުލީ"އެއްނަމަ ރާއްޖެއަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީތެރިކަން ފޯރުކޮށް ނުދިނީސްކަމަށް ވިދާޅުވެ، އިންޑިއާއާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެކުރިން ދެއްކެވި ވާހަކަފުޅުތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އިއްޔެ ރައްދު ދެއްވައިފިއެވެ.

މީގެކުރިން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން، ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާއަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ.

އެގޮތުން ރާއްޖެ ކުޑަވުމަކީ ބޭރުގެ ބޮޑެތި ގައުމުތަކުން ބުލީކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިއްޔެ ޖައިޝަންކަރު ބައިވެރިވެވަޑައިގެންނެވި ހަފުލާއެއްގައި މި ކަމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ އިންޑިއާ ސިފަވެފައި އޮންނަނީ ވަރަށް ބޮޑު ބުލީއެއްގެ ގޮތުގައި ކަމަށެވެ.

އެއީ މި ސަރަހައްދުގައި އަވަށްޓެރި އެންމެ ގައުމަކާ ޖެހިފައި އޮތް މައްސަލައެއް ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވިއެވެ. އެއާއެކު ޖައިޝަންކަރު ވަނީ ބުލީއެއްނަމަ އެހާ ބޮޑެތި އެހީތަކެއް ފޯރުކޮށް ނުދިނީސްކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

"ބޮޑެތި ގައުމުތަކުންނެއް 4.5 ބިލިއަން ޑޮލަރުގެ އެހީއެއް ނުދޭނެ އަވަށްޓެރި ގައުމެއް ހާލުގައި ޖެހުނީމާ. ބޮޑެތި ބުލީންނެއް ވެކްސިންގެ އެހީއެއް ނުދޭނެ އެހެން ގައުމެއްގައި ކޮވިޑު ފެތުރެމުން އަންނައިރު،" ރާއްޖެއަށް އިންޑިއާއިން ވެދިން އެހީތަކުގެ ވާހަކަ ނުސީދާ ގޮތެއްގައި ފާހަގަކުރައްވަމުން ޖައިޝަންކަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖައިޝަންކަރު ވިދާޅުވީ ދުނިޔޭގައި ހިނގަމުން އަންނަ ހަނގުރާމައަކާ ގުޅިގެން އަަވަށްޓެރި ގައުމަކަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވީމާ، ކާބޯތަކެތީގެ އެހީއާއި އެ ނޫން އެހެނިހެން އެހީތައް ދިނުމަށް ވެސް އަމިއްލަ ގައުމުގެ ގަވައިދުތައް، އިންޑިއާއަކީ ބުލީއެއްނަމަ އިސްތިސްނާ ނުކުރާނެ ކަމަށެވެ.

އެއާއެކު ޖައިޝަންކަރު ވަނީ ބަންގްލަދޭޝާއި، ނޭޕާލާއި، ސްރީލަންކާއާއި ބޫޓާނާއި އިންޑިއާ ދެމެދު އޮތް ގުޅުން ބަދަހިވަމުން އަންނަކަމަށް ފާހަގަކުރައްވައިފައެވެ.

އެހެންކަމުން މައްސަލަ ޖެހިފައި އޮތީ އެންމެ ގައުމަކާ އެކުގައިކަން ވަރަށް ރަނގަަށް ހާމަވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ހަގީގަތުގައި ވެސް އިންޑިއާ އާއި މި ގައުމުގެ އަވަށްޓެރިންނާ ދެމެދު މި އޮތް ގުޅުމުގައި ބަދަލުވީ ކޮން ކަމެއްތޯ ދެނެގަންނަން،" އޭނާ ވިދާޅުވިއެވެ.

އެއާއެކު ޖައިޝަންކަރު ވިދާޅުވީ ޚާރިޖީ ގުޅުންތަކުގައި އޮންނާނީ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރުމާއި އެކަމަށް އުންމީދު ކުރުން ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެ މާ ގިނަ ދުވަހެއްނުވެ އަވަށްޓެރި އިންޑިއާއާއެކުގައި އޮތް ގުޅުން ވަރަށް ބޮޑަށް ވަނީ ހީނަރުވެފައެވެ.

https://sun.mv/187443

ހަމައެއާއެކު މި ފަހުން ރާއްޖޭގެ ބައެއް ޑެޕިއުޓީ މިނިސްޓަރުންގެ ފަރާތުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާ ގޮތަށް ދެއްކި ވާހަކަތަކާއެކު ވެސް ގުޅުން އިތުރަށް ގޯސްވެ، އިންޑިއާއިން ރާއްޖެ ބޮއިކޮޓްކުރުމުގެ ހަރަކާތެއް ވެސް ފެށުނެވެ. ދެ ގައުމުގެ ސަފީރުން، ދެ ގައުމުގެ ޚާރިޖިއްޔާއަށް ހާޒިރު ވެސް ކުރިއެވެ.

އަދި އެ ގައުމުގެ ހެކަރުންގެ ސައިބާ އެޓޭކުތައް ވެސް ސަރުކާރު އިދާރާތަކުގެ ސައިޓުތަކަށް އަމާޒުވިއެވެ. ރާއްޖެ ކުޑަ ނަމަވެސް ރާއްޖެ ބުލީ ކުރުމުގެ ލައިސެންސް އެއްވެސް ގައުމަކަށް ނޯންނާނެކަމަށް ވިދާޅުވެ އިންޑިއާއަށް ނުސީދާ ބަހުގެ ހަމަލައެއް ރައީސް އަމާޒުކުރެއްވީ މި މައްސަލައިގެ ތެރެއިންނެވެ.

comment ކޮމެންޓް