ކައުންސިލްތަކަށް ބިރުދެއްކުން ހުއްޓާލައި، އެޓޯލްސް މިނިސްޓްރީ އުވާލާ: އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި ޗެއާޕާސަން ފައްޔާޒު އިސްމާއީލް: -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ކައުންސިލްތަކަށް ބިރުދެއްކުން ހުއްޓާލައި، އެޓޯލްސް މިނިސްޓްރީ އުވާލުމަށް އިދިކޮޅު އެމްޑީޕީން މިއަދު ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީން މިގޮތަށް ގޮވާލާފައިވަނީ ކެނދިކުޅުދޫ ކައުންސިލުން ސަރުކާރާ ދެކޮޅަށް ނެރުނު ބަޔާން އަނބުރާ ގެންދިއުމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެންގި އެންގުން ކުށްވެރިކޮށް އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނުގައެވެ.

އެ ބަޔާނުގައި ވަނީ ކައުންސިލްތަކުން ނެރޭ ބަޔާންތައް އަނބުރާ ގެންދިއުމާއި، ކައުންސިލްތަކަށް ބިރު ދެއްކުމުގެ ގޮތުން ކައުންސިލްތަކުން ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން އެލްޖީއޭ މެދުވެރިކޮށް ސުވާލު ކުރުމަކީ، 2013ވަނަ އަހަރު އޮތް ޕީޕީއެމްގެ ސަރުކާރުން ކަންކުރި ގޮތަށް ކައުންސިލަރުންގެ މުސާރަ އުނިކޮށް، ސަސްޕެންޑްކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމުގެ ނިޔަތުގައި ސަރުކާރުން ކުރާ ކަމެއް ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ.

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވާލަނީ "އެޓޯލްސް" މިނިސްޓްރީ މެދުވެރިކޮށް ބިރުދެއްކުން ހުއްޓާލާ އަދި "އެޓޯލްސް" މިނިސްޓްރީ އުވާލުމަށެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިްއޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކައުންސިލްތަކާ ބެހޭ ވުޒާރާއެއް އުފައްދަވާނެ ކަމަށް އިއުލާންކުރުމާ ހިސާބުން ވެސް އެ ނިންމެވުމަކީ ކައުންސިލްތަކަށް ނުފޫޒު ފޯރުވައި، ކައުންސިލްތަކުގެ ގާނޫނީ ބާރު ކަނޑުވާލުމަށް ކުރި ކަމެއްގެ ގޮތުގައި އެމްޑީޕީން ކަަންބޮޑުވުން ފާޅުކުރިކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކެނދިކުޅުދޫ ކައުންސިލުން ސަރުކާރާ ދެކޮޅަށް ބަޔާނެއް ނެރުނީ އަތޮޅުތަކަށް ރައީސް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުތަކުގައި ބާއްވާ ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައީސްގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދާތީއެވެ.

މިކަމާ ގުޅިގެން ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައިވަނީ ކައުންސިލުން އިންތިޒާމުކުރި ރަސްމީ ހަރަކާތެއްގައި ކައުންސިލުގެ ހުއްދަ ނެތި، ސަރުކާރު ހިންގާ ޕާޓީއަަށް ތާއީދު ހޯދަން ރައީސް ވާހަކަފުޅުދެއްކެވީ ކަމަށެވެ.

https://sun.mv/189372

"އެޓޯލްސް" މިނިސްޓްރީ މެދުވެރިކޮށް ކައުންސިލްތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި އެ މިނިސްޓްރީ އުވާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވާއިރު، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެ ކަމަށް ޚާއްޞަ މިނިސްޓްރީ އާއި ރައްޔިތުންގެ މަދަނީ ހައްގުތައް ރައްކާތެރިކޮށްދިނުމާ ގުޅޭ އިދާރާ އުފެއްދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިކަން އެ މަނިކުފާނު ހާމަކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ވެސް އޭރު ފާޅުކުރިއެވެ. އެހެން ނަމަވެސް "ކައުންސިލް މިނިސްޓްރީ" އުފައްދަވާނީ އެހެން އިދާރާތަކުގެ މަސްއޫލިއްޔަތާ ފުށުނާރާ ގޮތަށް ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް