އިދިކޮޅުން އޮޅުވައިލަނީ، ދޮގެއް ނުހަދަން، ނުވެސް ހަދާނަން: ރައީސް

ރައީސް މުއިއްޒު ދުވާފަރުގައި: ވިދާޅުވީ އެ މަނިކުފާނު އިތުރުފުޅެއް ނުހައްދަވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނަކީ އެއްވެސް ކަމެއްގައި އިތުރުފުޅުހައްދަވާނެ ބޭފުޅެއް ނޫން ކަމަށާއި އިދިކޮޅު ބޭބޭފުޅުން ގެންދަވަނީ އެ މަނިކުފާނު ދައްކަވައި ވާހަކަފުޅުތައް އޮޅުވައިލަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން އަންނަނީ ރައީސް މުއިއްޒަކީ "އިތުރުފުޅު ހައްދަވާ" ބޭފުޅެއް ކަމަށް ތުހުމަތުކުރައްވަމުންނެވެ. މިދިޔަ ހަފުތާ ބަންދުގައި ވެސް އެމްޑީޕީން ވަނީ "ދޮގު ދޮލަނގު"ގެ ނަމުގައި ސަރުކާރަށް ފާޑުކިޔަން ޖަގަހަ ޖަލްސާއެއް ބާއްވައިފައެވެ.

އެ ފާޑުކިޔުންތަކަށް ރައީސް ރައްދުދެއްވީ މިއަދު މެންދުރު ފަހު، ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނު ވިދާޅުވީ، އެއްވެސް އިރެއްގައި "ދޮގެއް ނުހަދަން" ކަމަށާއި އަދި "ދޮގެއް ނުވެސް ހަދާނަން" ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ނޮވެމްބަރު 17، 2023 ގައި ކުރި ހުވައިގެ ހަނދާން އާކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނަށް އެ ހުވައިގެ ކޮންމެ ލަފުޒެއް ވެސް މުހިއްމުވާ ކަމަށެވެ. އެއީ، ދުނިޔެއާއި އާޚިރަތުގައި ވެސް ޒިންމާވާންޖެހޭ ހުވައެއްކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރ. ދުވާފަރުގައި ވާހަަކަފުޅުދައްކަވަނީ: އެ މަނިކުފާނު ވަނީ ދޮގު ހަދަނީ އިދިކޮޅު ފަރާތްތަކުން ކަމަށް ތުހުމަތުކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑަކީ ކަންކަމުގައި ދޮގު ހަދައި މީހެއް ނޫން، އަޅުގަނޑަކީ ކަންކަމުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މީހެއް. ނޫސްވެރިންނާ ގާތުން މަސައްކަތްކުރާ މީހެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

މަޖިލީސް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމި ދުވަހަކީ އާދިއްތަ ދުވަހަކަށްވުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަމާޒުކުރެއްވި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، އިންތިޚާބު ބާއްވާ ދުވަސް ދިމައިވީ އާދިއްތައަކާކަން އެނގިވަޑައިގެންނެވީ ނޫހުން ކަމަށެވެ. އެނގިލެއްވި ހިސާބުން ވޯޓުލާ ދުވަސް ބަންދުކުރާނެ ކަމަށް ވިދާޅުވިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީން ގެންދަނީ ގަސްތުގައި އެ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވައިލަމުންނެވެ.

"އަޅުގަނޑަށް ޖަވާބުނުދެވޭ ކަމެއް އަޅުގަނޑާ ކުރިމައްޗެއް ނުކުރެވޭނެ އެއްވެސް މީހަކަށް، އެއްވެސް ނޫސްވެރިއަކަށް ވެސް. ދެފުށް ފެންނަ ސަރުކާރެއް ހިންގާނަމޭ އަޅުގަނޑު ދެންނެވީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް ކަމެއް ނޯންނާނެ ފޮރުވިފައެއް. ހުރިހާ ކަމެއް ވެސް ސާފުކޮށް ކިޔައިދެމުން މި ދަނީ. ރައްޔިތުން ބޭނުން ސުވާލެއް އަޅުގަނޑަށް ކުރަން ފުރުސަތު ދީފައި މި އޮތީ. އަޅުގަނޑަށް މައްސަލައެއް ނޫން. ކޮން ކަމެއްތޯ އަޅުގަނޑު ފޮރުވަން އޮންނާނީ؟،"

ރައީސް މުއިއްޒު، ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަން ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށެވެ. އެ މަނިކުފާނަށް ރައްޔިތުން ވޯޓުދިނީ އެ މަނިކުފާނުގެ ވެރިކަމެއް ކުރަން ނޫން ކަމަށާއި ވޯޓު ދިނީ ރައްޔިތުންގެ ވެރިކަމެއްކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ކަންކަމުގެ ހަގީގަތް އޮޅުވައިލާ، ދޮގު ހަދަނީ އިދިކޮޅު ބޭބޭފުޅުން ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި، "ދޮގު ހަދައި ބޭބޭފުޅުންނަށް އެހެން މީހުން ވެސް ހަދަނީ ދޮގޭ" ހީވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރަކީ ދޮގު ހަދައި ސަރުކާރެއް ކަމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ވަރަށް ބޮޑަށް ތުހުމަތުކުރަމުންނެވެ. އެކަމަކު، ރައީސް މިއަދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

comment ކޮމެންޓް