103 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

މިއަދު ދޫނިދޫގައި ފުލުހުން ނައްތާލި މަސްތުވާތަކެތި-- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 103 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ މިއަދު ނައްތާލައިފައިވަނީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސް ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުމަށް ބޭއްވި މި ހާއްސަ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ދޫނިދޫގައެވެ.

މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: 103 ކިލޯގެ މަސްތުވާތަކެތި ވަނީ ނައްތާލާފައި-- ފޮޓޯ: ފުލުހުން

މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ:

  • 8293 ރަބަރު ޕެކެޓު
  • 2731 ސެލޯފިންކޮޅު
  • ފިލްމުހުސްކުރި 237 ދަޅު
  • 585 ބުލެޓު
  • 30 ބިޑި
  • 537 މަނާ ބޭސްގުޅަ
  • އެހެނިހެން ތަކެތީގެ ގޮތުގައި 3045 އައިޓަމް

ފުލުހުން ބުނީ މި ތަކެތީގެ އަގުމަގު ކުރާއިރު މަގުމަތީ އަގު 425 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މަސްތުވާ ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް ގެނައި ބަދަލުތަކާއެކު، މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ ތަކެތި ވީ އެންމެ އަވަހަކަށް ނައްތާލާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ތަކެތި ނައްތާލައިފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މި ހަރަކާތުގައި، ދާޚިލި ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަނުގެ ބައެއް އޮފިސަރުން ބައިވެލިވެލެއްވިއެވެ.

comment ކޮމެންޓް