ރައީސް ކެމްޕޭން ކުރައްވަނީކަމަށް ބުނެ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އަންގައިފި

މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒު ނ. ކެނދިކުޅުދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން އަންނަ ދަތުރުފުޅަކީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ނަހަމަ ގޮތުގައި ކުރައްވަމުން އަންނަ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު އަންގައިފިއެވެ.

ރައީސް ޑރ. މުއިއްޒު މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ރަސްމީ ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމެވެ.

އެއާއެކު އެ މަނިކުފާނު އަރައިވަޑައިިގަންނަވާ ރަށްތަކުގައި ރައްޔިތުންގެ ބައްދަލުވުން ބާއްވައި، އެ މަނިކުފާނު ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ އިސްވެރިން ވާހަަކަފުޅުދައްކަވައެވެ.

މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒު ނ. ކެނދިކުޅުދޫއަށް ވަޑައިގަތުން -- ފޮޓޯ/ ރައީީސް އޮފީސް

މި ބައްދަލުވުންތަކުގައި ރައީސް ގެންދަވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ.

ހަަމައެއާއެކު ވާހަކަދައްކަވާ އެހެނިހެން ބޭފުޅުން ވެސް އެ ކަމަށް ގޮވައިލައްވާއިރު، ބައެއް ފަހަރުފަހަރު ވަކިވަކި ކެންޑިޑޭޓުންގެ ނަންތައް ވެސް ވިދާޅުވެއެވެ.

މި ކަމާ ގުޅިގެން ކެނދިކުޅުދޫ ކައުންސިލުން ވަނީ އެ ކަން ކުށްވެރިކޮށް ބަޔާނެއް ނެރިފައެވެ. އެ ކައުންސިލުން ނެރުނު ބަޔާނުގައިވަނީ ކައުންސިލުން އިންތިޒާމުކުރި ރަސްމީ ހަރަކާތެއްގައި ކައުންސިލުގެ ހުއްދަ ނެތި، ސަރުކާރު ހިންގާ ޕާޓީއަަށް ތާއީދު ހޯދަން ރައީސް ވާހަކަފުޅުދެއްކެވީ ކަމަށެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ކެނދިކުޅުދޫ ކައުންސިލުގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ކެނދިކުޅުދޫގައި ބޭއްވި އެ ޖަލްސާގައި ވާހަކަދެއްކެވި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ސީދާ ކެންޑިޑޭޓުގެ ނަން ވިދާޅުވެ ކެމްޕޭން ކުރެއްވެވި ކަމަށެވެ.

މިހާރު ރައީސް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒު ނ. ކެނދިކުޅުދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީީސް އޮފީސް

އެ ކަން ކުށްވެރިކޮށް ބަޔާން ނެރުމުން އެލްޖީއޭއިން މިއަދު އެންގީ އެއީ ކައުންސިލަށް ކުރުމުގެ ބާރު އޮންނަ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަށް ހުރަސް އެޅުމުގެ ގޮތުގައި ވެސް އެލްޖީއޭއިން އެ ބަޔާން ސިފަކުރިކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"ހުރަސް އެޅުންކަމަށް ސިފަކުރަންޖެހޭ ގޮތެއް އެލްޖީއޭއިން މާނަކުރީ ކިހިނެއްކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެލްޖީއޭއަކުން ކައުންސިލަކާ ސުވާލެއް ނުކުރޭ،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އެ ރަށަށް ވަޑައިގަންނެވި ދުވަހު ރަށު ރައްޔިތުންގެ ބައްދަލުވުން ކައުންސިލުން އިންތިޒާމުކޮށް، ރައްޔިތުން ޖަލްސާއަށް ގެނައުމުގެ މަސައްކަތް ވެސް ސިޔާސީ ފިކުރަށް ބެލުމެއްނެތި ކުރި ކަމަށެވެ.

"މި ރަށަށް ފޭބުން ވަރަށް ފުރިހަމައަށް ދިޔަ، ރައްޔިތުން ގެނެސްދިނިން، ރައްޔިތުންގެ ބައްދަލުވުމަށް ގޮވައިލީމާ އެ ތަނަށް އައި އެމްޑީޕީ، ޕީޕީއެމް ޕީއެންސީ ނުބަލައި ހުރިހާ ރައްޔިތުން އެ ތަނަށް އައި. އައިމާ އަރައި ހަމަ މަސްވެރިންގެ ވަޒީރު ޝިޔާމް ހަމަ ސީދާ ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓަކީ މިއޭ ކިޔައިގެން ނަން ކިޔައި، އެމްޑީޕީއާ ދިމާއަށް ބަވައި އެ ހުރިހާ ކަމެއް ކުރީ އަޅުގަނޑުމެން ކުރީ ސަފުގައި ބައިތިއްބައިގެން،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ވެރިންނަށް އިހްތިރާމް ކުރުމުގެ ގޮތުން ކައުންސިލުގެ އެއްވެސް މެމްބަރަކު ޖަލްސާ ދޫކޮށް ނުދާކަމަށެވެ.

އެއާއެކު އެ ބަޔާން ނެރުނީ ރައީސް ފުރައިވަޑައިގެންނެވިތާ ދެ ދުވަސް ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަޔާނުގެ މައްސަލައިގައި ކައުންސިލުން ގާނޫނީ ލަފާ ހޯދާނެކަމަށާއި އަމަލުކުރާނީ ލަފާ ލިބޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެސް އޮންނާނެ ލޯ ފާމެއް. އެ ބޭފުޅުންގެ ރައުޔަކާ އެއްގޮތަށް އަޅުގަނޑުމެން ދާނީ. އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން ނުކުރެވޭ ކަމެކޭ ލޯ ފާމުން ބުނެފިއްޔާ އެ ބަޔާން ބާތިލުކުރާނެ. ކުރެވޭނޭ ބުނެފިއްޔާ ނުކުރާނެ ބާތިލެއް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މީގެ ކުރިން ވެސް ކެނދިކުޅުދޫ ކައުންސިލުން އެކި ކަންކަމުގައި ބަޔާން ނެރެފައިވާނެ ކަމަށެވެ. އަދި މި ގޮތަށް ބަޔާނެއް ބާތިލުކުރަން މިއީ އެންގި ފުރަތަމަ ފަހަރުކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް