މަޖިލިސް އިންތިޚާބާ ގުޅިގެން އީސީގެ މެންބަރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަނީ

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އީސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވާން އަންގައިފިއެވެ.

މިކަމާއި ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު 'ސަން'އަށް ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ 11:00އަށް ކޮމިޓީއަށް ހާޒިރުވުމަށް އެދި މެމްބަރުންނަށް މިއަދު ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވައިލުމުން މަޖިލީހުން އިއްޔެ ނިންމާފައިވަނީ ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމަށެވެ. ދެވަނަ ފަހަރަށް ބިލެއް ފާސްކުރުމުން، އެ ބިލެއް ތަސްދީގުކޮށް ގެޒެޓުކުރަން ރައީސް ޖެހިވަޑައިގަންނަވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.

އެކަމަކު، އިންތިޚާބު ފަސްކުރާ ގާނޫނު ތަސްދީގުނުކުރައްވަނީސް މިއަދު ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމުގައި ނުބެލެވޭނެ ކަމަށް ހުކުމްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ ޖުމުލަ މެންބަރުންގެ އަދަދު 80 ކަމުގައި ކަނޑައަޅާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

އެކަމަކު، ބަންޑާރަނައިބުގެ ފަރާތުން ކޯޓަށް ހުށަހެޅި މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާ މިހާރު ބާތިލުކޮށް، އެހެން މާއްދާއެއްގައި އެކަން ހިމަނާފައިވާތީ ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ހަމަ އެ ހުކުމުގައި ބުނެފައިވެއެވެ.

https://sun.mv/189284

އެހެންވެ، ރައީސް މިއަދު ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ހުކުމާ އެކު ދެވަނަ ފަހަރަށް ފާސްކުރި ގާނޫނާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ޖުމުލަ މެންބަރުންގެ އަދަދީ 80 ކަމުގައި ބަލައިގެން ނިންމި ހުރިހާ ނިންމުމެއްގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާތީ، އިއްޔެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށް ތަސްދީގުކުރަން ފޮނުވި އިންތިޚާބު ފަސްކުރާ ބިލް ތަސްދީގުކުރެއްވުމުގެ ކުރީގައި ބަންޑާރަނައިބުގެ ލަފައަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް މުއިއްޒު މިއަދު ކެނދިކުޅުދޫގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ މަނިކުފާނު ވިދާޅުވީ ރޯދަ މަހު އިންތިޚާބު ބާއްވަން ބޭނުންފުޅުވެނުލައްވައި ކަމަށެވެ. އެހެންވެ، އެންމެ ފުރަތަމަ މި މައްސަލައިގައި ނުރަސްމީ ލަފައަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އެދުމުން ވެސް ރޯދައިގެ ކުރިން އިންތިޚާބު ބާއްވަން އެދިވަޑައިގެންނެވިން ކަމަށް ރައީސް ވިދާޅުވިއެވެ.

އިންތިޚާބު ރޯދަ މަހާ ދިމައިވާތީ ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބުތައް ބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުނުކުރައްވައި ރައީސް އަނބުރާ ފޮނުވައިލެއްވުމުން އިއްޔެ މަޖިލީހުގެ 47 މެންބަރުންގެ ވޯޓުން ވަނީ އެ ބިލު ދެވަނަ ފަހަރަށް ފާސްކޮށްފައެވެ. އެހެންވެ، އެ ބިލު ތަސްދީގުކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް