ޖަޕާނުގައި އަލަށް އުފަންވި ކުދިންގެ އަދަދު ރިކޯޑު އަދަދަކަށް ދަށަށް

ޖަޕާނުގައި މިދިޔަ އަހަރު އުފަންވެފައި ވަނީ 758،631 ކުދިން -- ފޮޓޯ/ރޮއިޓާސް

ޖަޕާނުގައި އަލަށް އުފަންވި ކުދިންގެ އަދަދު މިދިޔަ އަހަރު ރިކޯޑު މިންވަރަކަށް ދަށްވެއްޖެއެވެ.

މިއީ އެ އަދަދު ވިދިވިދިގެން ދަށްވާ އަށްވަނަ އަހަރު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އުފަންވީ 758،631 ކުދިންނެވެ. އަލަށް ކައިވެނި ކުރި މީހުންގެ އަދަދު 5.9 އިންސައްތަ ދަށްވެ 489،281 އަށް ވަނީ ވެއްޓިފައެވެ.

ޖަޕާނު ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ބުނީ އެ ގައުމުގައި އުފަންވާ ކުދިންގެ އަދަދު މަދުވުމަށް ހައްލު ގެނައުމަށް ސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އަލަށް އުފަންވާ ކުދިންގެ އަދަދު މި ވަރަށް ދަށްވާނަމަ، 2030 ވަނަ އަހަރުގެ ނިޔަލަށް ޖަޕާނުގެ ޒުވާނުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެންދާނެ،" ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިމާސާ ހަޔާޝީ ވިދާޅުވީއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗުން ބުނީ ޖަޕާނުގެ އާބާދީ 2070 ވަނަ އަހަރުގެ ނިޔަލަށް 30 އިންސައްތައަށް ދަށްވެ، 87 މިލިއަން މީހުންނަށް މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޖަޕާނުގެ އާބާދީ މި ވަގުތު ހުރީ 122.8 މިލިއަނުގައެވެ. އެ ގައުމުގެ އާބާދީ 2010 ގައި ހުރީ 128.1 މިލިއަނުގައެވެ. ނަމަވެސް އަހަރަކަށްވުރެ އަހަރެއް އާބާދީ ވަނީ ދަށަށް ގޮސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް