ރަޝިޔާއަށް ޖާސޫސްކޮށްދިން މީހަކަށް އިނިގިރޭސިވިލާތުން ދައުވާކޮށްފި

ރަޝިޔާއަށް މީގެކުރިން ޖާސޫސްކޮށްދިން ފަސް މީހުން -- ފޮޓޯ/ބީބީސީ

އިނގިރޭސިވިލާތުގައި ހުންނަ ރަޝިޔާގެ ޖާސޫސީ ނެޓްވޯކެއްގެ މެންބަރެއްގެ ގޮތުގައި ޝައްކުކުރެވޭ މީހެއްގެ މައްޗަށް ޖާސޫސީ މަސައްކަތްކޮށް، ރޭވުމުގެ ދައުވާ އުފުލާނެ ކަމަށް އިނގިރޭސިވިލާތުގެ ކްރައުން ޕްރޮސެކިއުޝަން ސާވިސް (ސީޕީއެސް)އިން ބުނެފިއެވެ. މިއީ އެގޮތަށް ދައުވާ އުފުލާ ހަވަނަ މީހާއެވެ.

އުމުރުން 38 އަހަރުގެ ޓިހޯމިރް އިވާންޗޭވްގެ މައްޗަށް ކުރާ ދައުވާއަކީ ދައުލަތުގެ ސަލާމަތާއި މަސްލަހަތަށް ގެއްލުންވާ މަގުސަދެއްގައި ބޭނުންތެރި ވެދާނެ ލިޔެކިޔުންތަކެއް ނުވަތަ މައުލޫމާތު ހޯދުމަށް ރާވައި، އެއްކޮށް ރިކޯޑްކުރުން، ޝާއިއުކުރުން ނުވަތަ ފޯރުކޮށްދިނުމުގެ ދައުވާ ކަމަށް ސީޕީއެސްއިން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހާޒިރުވާނީ ލަންޑަންގެ ވެސްޓްމިންސްޓާ މެޖިސްޓްރޭޓްސް ކޯޓަށެވެ.

މިއީ އެގޮތަށް ދައުވާ އުފުލާ ހަވަނަ މީހާއެވެ. ކުރިން 2020 ވަނަ އަހަރުގެ އޮގަސްޓު މަހާއި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އިނގިރޭސިވިލާތުގައި ތިބެގެން ރަޝިޔާއަށް ޖާސޫސްކޮށްދިން ބަލްގޭރިޔާގެ ފަސް މީހުންގެ މައްޗަށް ދައުވާކޮށްފައިވެއެވެ.

ކައުންޓަ ޓެރަރިޒަމް ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހުން ގެންގޮސްފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އެ މީހުންގެ ޝަރީއަތް އަންނަ އޮކްޓޯބަރު މަހު ލަންޑަނުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް