ނޭޓޯގެ މެންބަރަކަށްވާން ސްވިޑެންއަށް ހަންގޭރީގެ ރުހުން ވެސް ލިބިއްޖެ

ނޭޓޯ މެމްބަރަކަށް ވުމަށް ހަންގޭރީން ސުވިޑެންއަށް ވޯޓުދިން ގޮތް -- ފޮޓޯ/އަލްޖަޒީރާ

ނޭޓޯގެ މެންބަރުކަށްވުމަށް ސުވިޑެންއަށް އޮތް ހަމައެކަނި ހުރަސް ނިމުމަކަށް އައިސް، ސްވިޑެން ކުރާ މަސައްކަތަށް ހަންގޭރީން ވެސް ތާއީދުކޮށްފިއެވެ.

ހޯމަ ދުވަހު ނެގި ވޯޓުގައި ނޭޓޯގެ މެންބަރު ގައުމަކަށް ސްވިޑެން ވުމާ އެއްކޮޅަށް ވޯޓުދީފައި ވަނީ 188 މެންބަރުންނެވެ. ހަ މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވޯޓުދީފައެވެ.

ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމުން ދެން އޮންނާނީ ހަންގޭރީގެ ރައީސް އެ ބިލު ތަސްދީގުކުރުމެވެ. އެއާއެކު ސްވިޑެން ވެގެންދާނީ ނޭޓޯގެ 32 ވަނަ މެންބަރު ގައުމަށެވެ.

ނޭޓޯގެ ޗާޓަރު ބުނާ ގޮތުން އެ ޖަމާއަތުގެ މެންބަރުކަން ގައުމަކަށް ދެވޭނީ މެންބަރު ހުރިހާ ގައުމުތަކެއްގެ ރުހުން ލިބިގެންނެވެ. ނޭޓޯގެ މެންބަރު ގައުމުތަކުގެ ތެރެއިން ސްވިޑެން މެންބަރު ގައުމަކަށްވުމަށް މީގެ ކުރިން ރުހުން ނުދީ އޮތީ ތުރުކީވިލާތާއި ހަންގޭރީއެވެ.

އެތައް މަހެއްގެ ލަސްވުންތަކަށް ފަހު ތުރުކީވިލާތުގެ ގާނޫނު ހަދާ މަޖިލީހުން މިދިޔަ މަހު ވަނީ ސްވިޑެން ނޭޓޯއަށް ވަންނަން ރުހުން ދީފައެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޮބަންގެ ސަރުކާރުން ސްވިޑެން ނޭޓޯއަށް ވަނުމަށް ރުހުން ދިނުމުގެ މައްސަލަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް އެ މައްސަލަ މިއަދާ ހަމައަށް ވެސް އޮތީ ކުރިއަށް ނުގޮސްފައެވެ.

އޮބަންގެ ސަރުކާރުން އެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް ނުފޮނުވާ ކަމަށް އެމެރިކާއިން މީގެ ކުރިން ވަނީ ތުހުމަތުކޮށްފައެވެ.

ހަންގޭރީގެ ބޮޑުވަޒީރު އޮރްބަން ފާހަގަވަނީ ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ބައެއް ސިޔާސަތުތަކަށް ވަރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި، ރަޝިއާއާއި ޗައިނާއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްގެ ގޮތުގައެވެ.

ނޭޓޯއަކީ ކުރީގެ ރޫސީވިލާތުގެ ކިބައިން ރައްކާތެރިކަން ހޯދުމަށް އެމެރިކާއިން އިސްވެ 1949 ވަނަ އަހަރު އުފައްދާފައިވާ އިއްތިހާދެކެވެ. ނޭޓޯގެ މެންބަރު ގައުމުތަކުގެ ގޮތުގައި 31 ގައުމު ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް