ރާއްޖެ، އައިސީޖޭގައި: އިސްރާއީލުން ފަލަސްތީނުގައި ގެންގުޅޭ ސިޔާސަތު ބައިނަލްއަގުވާމީ ގާނޫނުތަކާ ފުށޫއަރާ

ރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާއިޝަތު ޝާން ޝާކިރު އައިސީޖޭގައި ވާހަކަދައްކަވަނީ --

އިސްރާއީލުން ފަލަސްތީނުގައި ގެންގުޅޭ ސިޔާސަތު ބައިނަލްއަގުވާމީ ގާނޫނުތަކާ ފުށޫއަރާ ކަމަށް ބުނެ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި މިއަދު ވާހަކަދައްކައިފިއެވެ.

ރާއްޖެއިން އެގޮތަށް ވާހަކަ ދެއްކީ، އިރުމަތީ ގުދުސް ހިމެނޭހެން އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން އަމަލުކުރަމުންދާ ގޮތާއި ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން އުފެދޭ ގާނޫނީ ނަތީޖާތަކާ ގުޅޭގޮތުން، އދގެ އާންމު މަޖިލީހުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދިފައިވާ މައްސަލައިގެ އަޑުއެހުންތަކުގައެވެ.

މިއަދުގެ އަޑުއެހުމުގައި، ރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާއިޝަތު ޝާން ޝާކިރު ވިދާޅުވީ، ފަލަސްތީނަކީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު އޮތް ދައުލަތަކަށް ހެދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ދިވެހިން ޒަމާނުއްސުރެ ތާއިދުކުރާ ކަމަށެވެ. އަދި އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވެސް އިސްކަންދޭ އެއް މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އަހަރުތަކަށް ދެމިގެން ގޮސްފައިވާއިރު، މި ދަނޑިވަަޅަކީ މި މައްސަލައަށް އައިސީޖޭ މެދުވެރިކޮށް އިންސާފު ހޯދުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން، 1967ގެ ކުރިން ކަނޑައެޅިފައި އޮތް ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، އެ ގައުމު އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް އޮތް ގައުމަކަށް ހެދުމަކީ މިހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލުކަމަށްވެސް އެކަމަނާގެ ސަފީރު ވިދާޅުވިއެވެ

އެ އަޑުއެހުމުގައި ރާއްޖެ ތަމްސީލުކުރައްވާ ބައިނަލްއަވާމީ ވަކީލުން ވެސް ބަޔާން ދެއްވިއެވެ. އެގޮތުން އިނގިރޭސިވިލާތާއި ވޭލްސްގެ ބާގެ މެންބަރުންކަމުގައިވާ އެސެކްސް ކޯޓް ޗޭމްބަސްގެ ބައިނަލްއަގުވާމީ ވަކީލުން، އޭމީ ސޭންޑާ އަދި ޑރ. ނައޯމީ ހާޓް ވެސް ދިވެހިރާއްޖެ ތަމްސީލުކުރައްވައި ބަޔާން ހުށަހެޅުއްވިއެވެ.

އޭމީ ސޭންޑާގެ ބަޔާނުގައި، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އެކިއެކި ސީރިއަސް އަމަލުތަކުގެ ތެރެއިން ފެނުގެ ވަސީލަތްތަކާ ގުޅޭގޮތުން އަމަލުކުރަމުންދާ ގޮތަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ގާނޫނީ ފެނުގެ ވަސީލަތްތަކާ ގުޅޭގޮތުން އިސްރާއީލުން މިހާރު ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ފުށުއަރާ ސިޔާސަތުތަކެއްކަން ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގައި ފެނުގެ ވަސީލަތްތައް މުޅިން ވެސް ކޮންޓްރޯލް ކުރަނީ އިސްރާއީލުންނެވެ. އަދި އިސްރާއީލުން ވަށާލައިފައިވާ ޣައްޒާއަށް ފެން ވިއްކަމުން ދިޔައީ ކޮންޓްރޯލްކޮށްގެންނެވެ. ނަމަވެސް އޮކްޓޯބަރު ހަތެއްގެ ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ފެނުގެ ޚިދުމަތް ކަނޑާލާފައެވެ.

އެ ބަޔާންތަކުގައި ރާއްޖެއިންވަނީ، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކާއި އަމަލުކުރަމުންދާ އުސޫލުތަކަކީ 'އެޕާތައިޑް'އެއް ކަމަށް ސިފަކޮށް، އެފަދައިން ގަބޫލުކުރާ އެހެން ގިނަ ގައުމުތަކާ ގުޅިފައިވާކަން ހާމަކޮށްފައެވެ.

ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން، ރާއްޖެއިން ވަނީ އައިސީޖޭގައި ކުރިއަށްދާ އެޑްވައިޒަރީ ޕްރޮސީޑިންސްއަށް މިދިޔަ އަހަރުގެ ޖުލައި މަހު ލިޔުމުން ބަޔާނެއް ހުށަހަޅާފައެވެ.

އައިސީޖޭގެ އަޑުއެހުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ބަޔާން ހުށަހެޅުމުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުންޏެވެ. އެގޮތުން އައިސީޖޭގެ އަޑުއެހުންތަކުގައި ޙަރަކާތްތެރިވުމުން އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ދިވެހި ސަރުކާރުން ދެމުންގެންދާ އަހަންމިއްޔަތު ހާމަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކުގައި ދިފާއުގައި ވަކާލާތުކުރުމަށް ދިވެހިރާއްޖެއިން ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން ބައިނަލްއަގުވާމީ ދުނިޔެއަށް ލިބޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ހަމައެއާއެކު، ބައިނަލްއަގުވާމީ ފެންވަރުގައި ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ދެމުންގެންދާ ތާއީދުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވާނެކަން އެ އޮފީހުން ފާހަގަކުރިއެވެ.

ފަލަސްތީނަށް ކުރިމަތިވެފައިވާ މައްސަލައަކީ މުޅި އިސްލާމީ އުންމަތަށް މުހިންމު މައްސަލައެއްކަމުގައިވުމުން، މި މައްސަލައިގައި ދިވެހިރާއްޖެއިން އިސްނަގައިގެން ހަރަކާތްތެރިވުމަކީ އިސްލާމީ އުންމަތުގެ އެހެން ގައުމުތަކުގެ ރުހުން ދިވެހިރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގެ އެދުމުގެ މަތިން އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން އަމަލުކުރަމުންދާ ގޮތާއި ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން އުފެދޭ ގާނޫނީ ނަތީޖާތަކާ ގުޅޭގޮތުން، އައިސީޖޭއިންއިން ނެރޭ އިސްތިޝާރީ ލަފާގެ ސަބަބުން ފަލަސްތީނަކީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް އޮތް ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް މަގުފަހިވާނެ ކަމުގެ އުއްމީދު އެ އޮފީހުން ފާހަގަކުރިއެވެ.

comment ކޮމެންޓް