ޗާއިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި 1،500 ޓަނުގެ ބޯފެނުގެ ޝިޕްމަންޓު ރާއްޖެ ގެނެސްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިއީ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ޗެއާމަން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުުރުފުޅުގެ ތެރެއިން ހަދިޔާކުރައްވަން ނިންމެވި ޝިޕްމަންޓެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިހާރު މި ޝިޕްމަންޓުވަނީ ރާއްޖެ ގެނެސްފައެވެ.
މިނިސްޓްރީން ބުނީ މި ފެން ބޭނުންކުރާނީ ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ހާލަތެއްގައި އެ ރަށަކަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.
މިއީ ޗައިނާގެ އެ ރީޖަންގެ ފަރުބަދަމަތީގައި ހުންނަ ގަނޑުފެނުން އުފައްދާ ފެނެވެ.