އަނިޔާވެރިކަމަށް އިޔާދަ ނުވެވެނީ މަޖިލީހުގައި އެމްޑީޕީ މެޖޯރިޓީ އޮތުމުން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް -- ސަން ފޮޓޯ - މުހައްމަދު މާވީ

ޕީޕީއެމްއިން ކުރިން ކުރި އަނިޔާވެރި ވެރިކަމަށް މި ސަރުކާރަށް އިޔާދަ ނުވެވިގެން އުޅެނީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕެއިން "މިސްރާބު ހަމަމަގަށް" ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި 2013 ވަނަ އަހަރުން 2018ވަނަ އަހަރާ ހަމައަށް އޮތީ އަނިޔާވެރި ވެރިކަމެއްކަމަށެވެ. ނަމަވެސް އެ ވެރިކަން މިހާރު ރައްޔިތުން ހަނދާން ނެތީ ވޭތުވެދިޔަ ފަސް އަހަރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ހެޔޮ ވެރިކަމުގެ ސަބަބުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީ ވުޖޫދަށް ގެނައި ކަންތައްތައް ވޭތުވެ ދިޔަ ފަސް އަހަރު ތަންފީޒު ކުރެވުމުން އަމާޒުތައް ހާސިލުވެއްޖެ ކަމަށެވެ.

"އޭގެ ސަބަބުން އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ހަނދާން ނެތިފައި ކިހިނެއް ކިހިނެއްކަން ކުރިން ކަންތައްތައް ދިޔައީ. އެހާ ވަރަށް އަޅުގަނޑުމެންނަށް ވަނީ އެ ހައްގުތައް ހިމާޔަތް ކުރެވިފައި. ތަރައްގީ ގެނެވިފައި،" ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަންމިހެން އޮތް ނަމަވެސް، އެމްޑީޕީގެ އެތެރޭގައި ދިމާވި މައްސަލަތަކާއި، ދޮގާއި ފިތުނަ ފެތުރުމުގެ ސަބަބުން ވެރިކަން ބަދަލުވީ ކަމަށެވެ. ނަމަވެސް، ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ކަންތައް ވާނޭގޮތުގެ ވާހަކަތައް އޭރުވެސް ރައްޔިތުންނަށް ބުނެދިން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީއެންސީން ޑިމޮކްރެޓިން އަސާސްތައް ގަބޫލު ނުކުރާކަމަށެވެ. އަދި 100 ދުވަސްތެރޭ ވެސް ފެންނަނީ ކުރީގެ މަގަށް ރާއްޖެދާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރޯދަ މަހު އިންތިޚާބު ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލް އެންމެ ފަހު ދުވަހު އަނބުރާ މަޖިލީހަށް ފޮނުވާލިކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ރޯދަ މަހު އިންތިޚާބު ބާއްވަންވީ ސަބަބެއް ސަރުކާރަށް ބުނެ ނުދެވޭ ކަމަށެވެ.

އެހެންކަމުން މި ސަރުކާރު އަނިޔާވެރިކަމަށް އިޔާދަވިޔަ ނުދިނުމަށްޓަކައި، ރޯދަމަހު އިންތިޚާބު އޮތް ނަމަވެސް ވޯޓު ލާން ދިއުމަށް ފައްޔާޒް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރޯދަމަހު އިންތިޚާބު ބާއްވާން އީސީން ނިންމީ ސަރުކާރުގެ ނުފޫޒާއި ފިއްތުންތަކުގެ ސަބަބުން ކަމަށް މީގެ ކުރިން ވެސް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ.

comment ކޮމެންޓް