މަގާމުތައް ހޯދައިދެނީ އިންޑިއާއަކުން ނޫން، އެއީ އަމިއްލަ މަސައްކަތް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މާވީ

އޭނާ އެމްޑީޕީގެ ރައީސްކަމަށް އިންތިޚާބަކައިނުލާ އައުމުގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އޭނާއަކީ ބަޔަކު ކޮންމެ މަގާމަކަށް ލައިގެން ގެންގުޅޭ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ އާ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންތިޚާބަކައި ނުލާ ޝާހިދަށް އެމްޑީޕީގެ ރައީސްކަން ލިބުނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. އެކަމަކު، އެ ކަމުގެ ފަހަތުގައި އިންޑިއާ އޮތް ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ ނުރަސްމީ ގޮތެއްގައި ތުހުމަތުކުރައްވައިފައެވެ.

މިދިޔަ ހަފުތާގައި "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ތުހުމަތާ ގުޅިގެން ޝާހިދާ ސުވާލުކުރުމުން އޭނާ ވަނީ ސަރުކާރަށް ނުރުހުން އަމާޒުކުރައްވައިފައެވެ. ސިޔާސީ މަސައްކަތްކުރާތާ "ލައްކަ ދުވަސް" ވެއްޖެ ކަމަށާއި އޭނާ ވެސް އަމިއްލައަށް ވެސް ކަންތައްތަކެއް ހާސިލުކުރާނެކަން ސަރުކާރުގެ ބޭބޭފުޅުން ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން، އަޅުގަނޑު ކުރާ ކޮންމެ ކަމެއްގައި ވެސް ވިދާޅުވަން އެންމެ ފަސޭހަފުޅު އެއްޗެއް ގޮތުގައި ގެންގުޅުއްވަނީ އިންޑިއާއޭ،" އޭނާ ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ވިއްޔާ ވިދާޅުވާނެ ކަންނޭނގެ އަޅުގަނޑު ދުނިޔެއަށް އައުމުގައި ވެސް އިންޑިއާގެ އަތެއް އޮތޭ. އެ ހިސާބުގައި އެ ބޭފުޅުންގެ ވާހަކަފުޅުތައް އެ ހުންނަނީ،"

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: އޭނާ ވިދާޅުވީ، އެމްޑީޕީގެ ރައީސްކަން ލިބުމުގެ ފަހަތުގައި އިންޑިއާ އޮތޭ ވިދާޅުނުވެވޭނެ ކަމަށް -- ސަން ފޮޓޯ

ޝާހިދު ވިދާޅުވީ، އޭނާގެ ސިޔާސީ ކާމިޔާބީއަށް ކޮންމެ ވެސް ވަރެއްގެ ކްރެޑިޓެއް ދޭންޖެހޭނެ ކަމަށެވެ.

އޭނާ ސިޔާސީ ގޮތުން ހޯދައި ކޮންމެ ކާމިޔާބީއަކައި ވަކި ބަޔަކާ ގުޅުވަނީ ހަމައެއް ނެތި ކަމަށް ޝާހިދު ގަބޫލުކުރައްވައެވެ. އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން އޭނާ ހޯދައި ކާމިޔާބީއާ ގުޅިގެން އޭނާއަށް ވެސް ކޮންމެ ވެސް ވަރެއްގެ "ކްރެޑިޓެއް" ދެއްވަން ޖެހޭނެ ކަމަށެވެ.

"ކޮންމެ ވެސް މިންވަރެއްގެ ކްރެޑިޓެއް ދެއްވަންވާނެ ދެއްތޯ އަޅުގަނޑު އަމިއްލައަށް ވެސް ކަންތައްތަކުގައި އުޅެ، މަސައްކަތްކުރާ މީހެއް ކަމަށް. އަޅުގަނޑަކީ ބަޔަކު ގެނެސް ކޮންމެ ތަނެއްގައި ކޮންމެ މަގާމަކަށް ލައިގެން ގެންގުޅޭ ފިހިގަނޑެއް ނޫންކަން،" އޭނާ ވިދާޅުވިއެވެ.

ހަގީގަތަކީ އިންޑިއާއާ ދުރުނުވެވޭނެކަން

ޚާރިޖީ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައި ހުންނެވި ޝާހިދު ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ކޮންމެ ގޮތަކަށް ބައްޓަންކުރި ނަމަވެސް އިންޑިއާއާ ދުރުނުވެވޭނެ ކަމަށެވެ.

"ތާރީޚި ގޮތުން، ސަގާފީ ގޮތުން އަދި އެ ނޫން ވެސް އެތައް ގޮތްގޮތުން އަޅުގަނޑުމެންނާ ގުޅިފައި އޮތް ގައުމެއް [އިންޑިއާއަކީ]،" އޭނާ ވިދާޅުވިއެވެ.

ޖެނުއަރީ 30، 2020: މިދިޔަ ފަސް އަހަރު ފޮރިން މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޝާހިދު: އޭނާ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދުރުނުވެވޭނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝާހިދު ފާހަގަކުރެއްވި ގޮތުގައި، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އިންޑިއާއިންނެވެ. އަދި، 2004 ވަނަ އަހަރު އެރި ސުނާމީގައި ވެސް އެންމެ ފުރަތަމަ އެހީވި ގައުމަކީ އިންޑިއާއެވެ. އޭގެ ފަހުން، މާލޭގައި ހިނގި ފެނުގެ ދަތިކަމާ ގުޅިގެން ވެސް ހަތަރު ގަޑިއިރު ތެރޭގައި މަތިންދާބޯޓުގައި ފެން ފޯރުކޮށްދިނީ އިންޑިއާއިންކަން އޭނާ ހަނދާން ކޮށްދިނެވެ.

މިދިޔަ ސަރުކާރުގައި ކުރިމަތިވި ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެން ވެސް އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދިން އެއް ގައުމަކީ ރާއްޖެކަން އޭނާ ފާހަގަކުރެއްވިއެވެ.

"އިންޑިއާއަކީ މި ވޭތުވެދިޔަ 60 ވަރަކަށް އަހަރު ތެރޭގައި އެންމެ ބާރަށް ކުރިއަރަމުން އައި އެއް އިގުތިސާދު. ދުނިޔޭގެ މިހާރު އެންމެ ބާރަށް ކުރިއަރައި އަދި އެންމެ އާބާދީ ގިނަ ގައުމު. އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުން ބައްޓަންކުރަންވީ އިންޑިއާއަށް އެ އަންނަ އިގުތިސާދީ ކުރިއެރުމުގެ ތެރެއިން އަޅުގަނޑުމެންނަށް ފައިދާ ލިބޭނެ ހުރިހާ ގޮތަކަށް،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުރުނުވެވޭނެ ދެ ހަގީގަތެއް އެބައޮތް ކަމަށެވެ. އެއީ، ތާރީޚީ ގުޅުމާއި ޖިއޮގްރަފީ ކަމަށެވެ.

އެހެންވެ، ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަމަކު، އެ ގާތް ގުޅުން އޮތް ނަމަވެސް އޭނާގެ ސިޔާސީ ކާމިޔާބީގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް ތުހުމަތު ކުރެވިދާނެ ކަމަކަށް ވެސް ޝާހިދު ގަބޫލުފުޅެއް ނުކުރައްވައެވެ.

comment ކޮމެންޓް