ޔުނައިޓެޑު ބަލިކޮށް ފުލަމް 12 ވަނައަށް

އެންމެ ފަހު ވަގުތު ފުލަމް މި މެޗުން މޮޅުކޮށްފިން އެލެކްސް އިވޯބީ -- ފޮޓޯ - ޔޫރޯސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ފުލަމް ކާމިޔާބު ކޮށްފައިވަނީ 2-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ފެނިގެންދިޔައީ ފުލަމުން ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިތަނެވެ. ނަމަވެސް އެ ޓީމަށް ވެސް މި ހާފުގައި އުފެއްދި އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.

ފުރަތަމަ ހާފުގައި ފެނިގެންދިޔަ ކުޅުމަށްބަލާފައި ދެވަނަ ހާފުގައި ޔުނައިޓެޑްގެ ކުޅުން ރަނގަޅު ވާނެކަމަށް ގިނަ ބަޔަކަށް ހިވެގެން ދިޔަ ނަމަވެސް ފެނިގެންދިޔައީ ފުލަމްއިން ބޮޑަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ. މެޗުގެ 65 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެލްވިން ބަސީއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައިވަނިކޮށް ހެރީ މެގުއެއާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ޔުނައިޓެޑަށް ހަމަހަމަ ކޮށްދިނުމެވެ. މިއާއެކު މި ސީޒަންގައި ތިންވަނަ ފަހަރަށް ފަހަތުން އަރައި ޔުނައިޓެޑް ފަހު ވަގުތު މެޗު ކާމިޔާބު ކޮށްފާނެކަމުގެ އުންމީދު އެ ޓީމުގެ ސަޕޯޓަރުންގެ ހިތުގައި އުފެދިގެންދިޔަ ކަހަލަ މަންޒަރެއް ދަނޑުން ފެނިގެންދިޔައެވެ.

ނަމަވެސް، މެޗުގައި ދެއްކި އިތުރު ވަގުތުގައި ޔުނައިޓެޑްގެ ލަނޑެއް ފެނުމުގެ ބަދަލުގައި ފެނިގެންދިޔައީ ފުލަމްއިން ލަނޑެއް ޖަހައި މެޗު ކާމިޔާބު ކުރި ތަނެވެ. މި ލަނޑު އެ ޓީމަށް އިތުރު ވަގުތުގެ ހަތްވަނަ މިނެޓްގައި ޖަހައިދިނީ އެލެކްސް އިވޯބީއެވެ.

މި ކާމިޔާބީއާ އެކު ފުލަމް މިހާރު އުޅެނީ 32 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ. އަދި، މިއީ 1963 ވަނަ އަހަރަށް ފަހު ޔުނައިޓެޑްގެ ދަނޑުގައި ކުޅެ މޮޅުވި ދެވަނަ ފަހަރެވެ. މި މެޗުން ބަލިވުމުން ޔުނައިޓެޑް އުޅެނި 44 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

comment ކޮމެންޓް