ރަށްތަކުގައި ދަނާލުތައް އެޅުމުގެ މަޝްރޫއު ފަށައިފި

އެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން

ސަރުކާރުގެ ހަފުތާ 14 ވައުދުތަކުގެ ތެރެއިން ރަށްރަށުގައި ދަނާލުތައް އެޅުމުގެ މަޝްރޫއު މިއަދު ފަށައިފިއެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ، އަތޮޅުތަކުގައި މަތީ ތައުލީމު ފުޅާކޮށް، ރަށުން ބޭރުގައި ކިޔެވުމަށް ފަސޭހަކަމާއެކު ތިބެވޭނޭ އިންތިޒާމު ފަހިކޮށްދިނުމަށް ދަނާލުތަކެއް އެޅުމަށްޓަކައި އެކަމާ ގުޅޭ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށެވެ.

އެގޮތުން ކަނޑައަޅާ ރަށްރަށުގައި ދަނާލު ބިނާކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި އިއުލާނުކޮށް ތަންފީޒުކުރަން ފެށުމުގެ ގޮތުން ހަތަރު ރަށެއްގައި ދަނާލު ބިނާކުމުގެ ތަންފީޒީ ތާވަލު އެކުލަވާލައި ރ. ދުވާފަރުގައި މި މަސައްކަތް މިއަހަރު ތެރޭގައި ކުރަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ފަށައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ކޮންސެޕްޓް ރިވިޔު ކުރުމާއި، ދުވާފަރުން މި މަޝްރޫއަށް ބިން ހަމަޖެއްސުމާއި، ޕްލޭން ކުރުމުގެ އެހެނިހެން ތައްޔާރީތައް ފަށައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން

މި ދަނާލު މަޝްރޫޢުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް، މަތީތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް، އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާގެ މީހުންނާއެކު އަގުހެޔޮކޮށް ތިބެވޭނެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށާއި މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއްލިބި، ލުއި ފަސޭހަ ކަމާއެކު ކިޔަވަން އެކަށޭނަ މާހައުލެއްގައި ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެއާއެކު އެ ރަށްރަށުން އަގު ހެޔޮ، ފެންވަރު ރަނގަޅު އެކޮމަޑޭޝަންގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

އެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން

އެ މަޝްރޫއު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ދުވާފަރުގައި ދަނާލެއް ގާއިމުކުރެވުމަކީ އެ ރަށުގައި މަތީތައުލީމްގެ ފުރުސަތުތައް ފުޅާކުރެވޭނެ ކަމެއް ކަމަށެވެ.

މީގެއިތުރުން، ރަށުގައި ތިބެގެންވެސް މަތީ ތަޢުލީމު ހާސިލު ކުރުމަށް ފުރުސަތުތައް ލިބުމާއި، މަސައްކަތްތެރި ޒުވާނުންތަކެއް ބިނާކުރުމަށް ތަފާތު ޕްރޮގްރާމްތައް ރަށުގައި ހިންގުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް