މައުލޫމާތު ކަށަވަރުކުރުމުގެ މުހިންމުކަމަށް ހޭލުންތެރިކުރުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިގްރީ ދަރިވަރުން ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން މާދަމާ ފޯރަމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
"ނޯ-ކެޕް، ޖަސްޓް ފެކްޓްސް"ގެ ނަމުގައި މި ކެމްޕެއިން ކުރިއަށް ގެންދާ ދަރިވަރުން ބުނީ، މި ކެމްޕެއިން ފަށަނީ ސްކޫލް ނިންމާ ކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ކަމަށެވެ.
ދަރިވަރުން ބުނީ، ސްކޫލްތަކާއި ޔުނިވާސިޓީގެ ދަރިވަރުންގެ އިތުރުން އާންމުންނަށް ވެސް ބައިވެރިވެވޭ މި ފޯރަމްގައި މިސްއިންފޮމޭޝަން ނުވަތަ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި، ޑިސްއިންފޮމޭޝަން ނުވަތަ ގަސްދުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށެވެ.
@_nocapjustfacts One wrong post can spread thousands of wrong beliefs. #MediaLiteracy #Misinformation #Disinformation #Nocapjustfacts #foryou ♬ original sound - No Cap Just Facts
މައުލޫމާތު ފެތުރުމުގެ ކުރިން އެ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރަން ބާރުއެޅުމުގެ މަގުސަދުގައި ހިންގާ މި ކެމްޕެއިންގެ ދަށުން ބާއްވާ ފޯރަމްގައި އެ ދާއިރާގެ ތަޖުރިބާކާރުން މައުލޫމާތުދޭނެ ކަމަށް، ދަރިވަރުން ބުންޏެވެ.
އެގޮތުން މާދަމާ އޮންނަ ފޯރަމްގެ ޕެނަލިސްޓުންގެ ތެރޭގައި ނޫސްވެރިއަކާއި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މީހަކާއި ޓެކްނޮލޮޖީ ދާއިރާގެ މީހަކާއި ގާނޫނީ މަސައްކަތުގެ ތަޖުރިބާކާރެއް ހިމެނޭކަމަށް ވެސް، މި ކެމްޕެއިން ހިންގާ ދަރިވަރުން މައުލޫމާތުދެއެވެ.
"ނޯ-ކެޕް، ޖަސްޓް ފެކްޓްސް" ކެމްޕެއިން ހިންގާ ދަރިވަރުން ބުނީ، މިސްއިންފޮމޭޝަނާއި ޑިސްއިންފޮމޭޝަންގެ ސަބަބުން ދިމާވާ ދަތިތަކަށް ގެނެވޭނެ ހައްލުތަކަށް ތަޖުރިބާކާރުން އަލިއަޅުވާލާނެ ކަމަށެވެ.
@_nocapjustfacts Watch how Alya gets lectured by her boss. But the tips are fire ngl, check it out. #Nocapjustfacts #foryou ♬ original sound - No Cap Just Facts
"ވީހާވެސް އިންޓަރެކްޓިވްކޮށް މި ފޯރަމް ގެންދާނީ. އޯޑިއަންސްއަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބޭ ގޮތަށް މިކަން ރާވާފައިވަނީ،" އެ ދަރިވަރުން ބުންޏެވެ.
އެ ހަރަކާތް އިންތިޒާމްކުރާ ދަރިވަރުން ބުނީ އެއް ގަޑިއިރަށް ގެންދަން ނިންމާފައިވާ ފޯރަމްގެ ތެރޭގައި ތެދު މައުލޫމާތާއި ދޮގު މައުލޫމާތު ދެނެގަންނާނެ ޓޫލްތައް ވެސް ކިޔައިދޭނެ ކަމަށެވެ.
އެހެންވެ, މިއީ, އޭއައި އަދި ޑިޖިޓަލް މީޑިއާ ކުރިއަރަމުން އަންނަ މި ޒަމާނުގައި ކޮންމެހެން ވެސް އެނގެންޖެހޭ މުހިއްމު މައުލޫމާތު ލިބޭނެ ފޯރަމެއް ކަމަށް އިންތިޒާމްކުރާ ދަރިވަރުން ބުންޏެވެ.
އެ ފޯރަމްގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް މިހާރު ރަޖިސްޓްރީވާން ވެސް ވަނީ ހުޅުވާލައިފައެވެ.
އެ ހަރަކާތް އިންތިޒާމްކުރާ ދަރިވަރުން ބުނީ ރަޖިސްޓްރީވެ, ފޯރަމްގެ ބައިވެރިންގެ މެދުގައި ގުރުއަތުލުން ނަގާނެ ކަމަށާއި، އޭގެ ތެރެއިން އެއްވަނަ ލިބޭ ދަރިވަރަކަށް އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ދޭން ނިންމާފައިވާ ކަމަށެވެ.