ފައިސަލް އެނބުރި އެމްޑީޕީއަށް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީއަށް ސޮއިކުރެއްވުން -- ފޮޓޯ/ އެމްޑީޕީ

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިދިކޮޅު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގައި 16 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު، މިދިޔަ މަހު 21 ގައި ފައިސަލް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފައިސަލްގެ ފޯމު ހަވާލުކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއެވެ. އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފައިސަލްގެ ސިޔާސީ ހަޔާތް ފެއްޓެވީ އެމްޑީޕީންނެވެ. އޭނާ ވަނީ އެމްޑީޕީން ފުރަތަމަ އެކުލަވައިލި ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ އޭގެ ފަހުން އެ ޕާޓީ އުފެއްދުމާ ގުޅިގެންނެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ފައިސަލް ވިދާޅުވީ، ސިޔާސަތުތަކާއި ފިިކުރު ދަސްކޮށްދީ، ރައްޔިތުންގެ ގާތުން މަސައްކަތްކުރަން ދަސްކޮށްދިން ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

"ފިކުރަކަށް ބަދަލެއް ނާދޭ، ސިޔާސަތަކަށް ބަދަލެއް ނާދޭ، ކުރެވުނީ އެއް މަސައްކަތެއް. ވިހި އަހަރު ވެގެންދިޔައިރު ވެސް މި ކުރެވުނީ އެއް މަސައްކަތެއް،" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި، އެ ޕާޓީއަކީ ރައްޔިތުންނާއި ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ޕާޓީ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން ގައުމުގެ ހައްގުގައި މަސައްކަތްކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޞާލިޙް ވިދާޅުވީ ފައިސަލަކީ އެ މަނިކުފާނުގެ ސަރުކާރުގައި ވަރަށް ބުރަ އަދި ތެދުވެރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އިތުބާރު ކުރެވޭ ބޭފުޅެއް، އަޅުގަނޑު ދެކޭ ގޮތުގައި ފައިސަލް މި ޕާޓީއާ ގުޅިވަޑައިގަތުމާ އެކީގައި ޕާޓީއަށް އިތުރު ހިތްވަރެއް، އިތުރު ޖޯޝެއް ލިބިގެންދާނެ،" ޞާލިޙް ވިދާޅުވިއެވެ.

ފައިސަލް ސިޔާސީ ހަޔާތް ފެއްޓެވީ 2004 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހުންނެވެ. އޭނާ ވަނީ ފުވައްމުލަކު މެންބަރެއްގެ ގޮތުގައި ހާއްސަ މަޖިލީހުގައި ޚިދުމަތް ކުރައްވައިފައެވެ. އެއަށް ފަހު، ރައްޔިތުންގެ ރުހުމާ އެކު 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމާ އެކު އެ ޕާޓީއަށް ފައިސަލް ސޮއިކުރެއްވިއެވެ.

އޭގެ ފަހުން، އެމްޑީޕީގައި ހުންނަވާފައި 2008 ވަނަ އަހަރު ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ޖޭޕީ އުފެއްދެވުމާ އެކު ފައިސަލް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައިފައެވެ. އެއަށް ފަހު، ފައިސަލް ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވީ އެ ޕާޓީގައެވެ.

އޭރު މަޖިލީހުގެ ދައުރު ހަމަވުމުން ސިޔާސީ ކަންކަމުން ބްރޭކެއް ނެންގެވުމަށް ފަހު ފައިސަލް އަލުން ސިޔާސީ ކަންކަމަށް ނުކުންނެވީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައެވެ. އެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި އޭނާ ވަނީ ކާށިދޫ ދާއިރާއަށް އިންތިޚާބުވެފައެވެ.

ޖެހިގެން އައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރެން ނިންމައި ރަނިންމޭޓަކު ކަނޑައަޅަން ޖޭޕީއަށް ފުރުސަތު ދިނުމުން ފައިސަލް ވަނީ ޖޭޕީގެ އެތެރޭ އިންތިޚާބުގައި ވާދަކުރައްވައިފައެވެ.

ޖޭޕީގެ އެތެރޭ އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު ފައިސަލް ވެފައިވަނީ އޭރުގެ އިދިކޮޅު ކެންޑީޑޭޓު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓަށެވެ. އެ އިންތިޚާބު ކާމިޔާބުވުމާ އެކު ފައިސަލް ވެވަޑައިގަތީ ރާއްޖޭގެ ނުވަވަނަ ނައިބު ރައީސަށެވެ.

އޭނާއަކީ އާ ގާނޫނު އަސާސީ އުފެދުނު ފަހުން ދައުރެއް ހަމަކުރި ހަމައެކަނި ނައިބު ރައީސެވެ.

comment ކޮމެންޓް