އަދުރޭގެ ރައްދެއް ޖަމީލަށް: ދެއިރު ދެގޮތަށް ވާހަކަދެއްކި މީހުންނެއް ނޯޅޭ

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ފުވައްމުލަކުގައި -- ފޮޓޯ/ ރައީސް އޮފީސް

އެކި ތަންތަނުގައި ދެއިރު ދެ ގޮތަށް ވާހަކަދެއްކީ ކޮން ބޭފުޅުންނެއްކަން ނޯޅޭކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހުގައި މިހާރު މަސައްކަތްކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ބަހުގެ ހަމަލާތަކެއް މިއަދު އަމާޒުކުރައްވައިފިއެވެ.

މިއަދު ހެނދުނު ވިލިނގިލީގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން، އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅުގައި ދެކޮޅު ދިމާނުވާކަމަށް ބުނެ ބަޔަކު ފާޑުކިޔަމުން އަންނަކަމަށެވެ.

ނަމަވެސް ދެކޮޅު ދިމާނުވާ ވާހަކަ ދައްކަނީ ކޮން ބައެއްކަން ރައްޔިތުންނަށް ވަރަށް ސާފުވާކަމަށް ވިދާޅުވެ އަބްދުއްރަހީމްވަނީ، ޖަމީލަށް ނުސީދާ ރައްދެއް ދެއްވައިފައެވެ.

"އިއްޔެ ދެއްކި ވާހަކައާއި މިއަދު ދެއްކި ވާހަކަ އަޑުއަހަން ދިވެހި ރައްޔިތުން އެބަތިއްބޭ. އިނގިރޭސިވިލާތުގައި ދެއްކި ވާހަކައާއި، ޖަރުމަނުގަައި ދެއްކި ވާހަކައާއި، މާލޭގައި ދެއްކި ވާހަކައާއި، ރާއްޖޭގެ ޓީވީތަކަށް އަރައި ދައްކާ ވާހަަކަ ކަންފަތުން އަޑުއެހި މީހުން، މަންޒަރު ދުށް މީހުން މިއަދު ވެސް ރާއްޖޭގައި އެބަތިބި،" އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒާ އެކު އަބްދުއްރަހީމް: އޭނާ ވަނީ ޖަމީލަށް ފާޑު ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށް ކަންކަން އޮޅުވައިލުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި، ސިޔާސީ ގޮތުން ނާކާމިޔާބުވުމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަންޖެހޭ ސަބަބެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ފިތުނަ ފަސާދައަށް ޖާގަދޭ ގޮތަކަށް ނޫން އަޅުގަނޑުމެން މިތިބީކީ،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ އިގްތިޞާދީ އަނދަވަޅަކަށް ކުރީ ސަރުކާރުން ވައްޓައިލީ ގަސްދުގައި ކަމަށެވެ.

"ދިވެހިރާއްޖޭގެ މާލިއްޔަތުގެ ހުރި ފައިސާ ހުސްކޮށްލީ ވަކި ތަނެއް ދޮރެއް ބަލައިގެންނެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަބަދު އެކަކު ދުނިޔޭގައި ވެރިކަން ކުރަން ނުހުންނާނެކަމަށެވެ. އެގޮތުން އެއިރަކު ވެރިކަމަށް މީހަކު އިންތިޚާބު ކުރަނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން ނިންމުމުން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހީންގެ ރާއްޖެއަށް ދަތުރުކުރީ ވަރަށް ފޮނި އުންމީދެއްގައި ކަމަށެވެ. އެއީ، ފުދުންތެރި، ތައުލީމީ ޖީލެއް ބިނާކުރުމާއި، އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ގެނެސްދިނުމުގެ އުންމީދުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

https://sun.mv/188940

އޭނާ މިފަދައިން ވިދާޅުވެ ޑރ. ޖަމީލަށް ނުސީދާ ރައްދެއް ދެއްވީ، ރައީސް މުއިއްޒު އިއްޔެ ދެއްކެވި ވާހަކަފުޅުތަކާއި މިއަދު ދައްކަވާ ވާހަކަފުޅުތައް ދިމައިނުވާ ކަމަށް ޖަމީލް ވިދާޅުވުމުންނެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވެ، ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު އިއުލާނުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޖަމީލް ވިދާޅުވީ، "ދޮގު ހެދުން" އާންމުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް