ސޮއިކުރީ ފަހުމުނާމާއެއްގައި، އެއްބަސްވުން ހަދާނީ ގާބިލުކަން ޔަގީންކޮށްފައި: މިނިސްޓްރީ

ތިނަދޫ އެއާޕޯޓު ތަރައްގީކުރަން ޕޭން ޕެސިފިކްއާ އެކު ފަހުމުނާމާއެއްގައި ސޮއިކުރުމުގެ ތެރެއިން -- ސަން ފޮޓޯ

ގދ. ތިނަދޫ ފަޅު ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ކުރިއަށްގެންދަން ފަހުމުނާމާއެއްގައި ސޮއިކުރި ޕޭން ޕެސިފިކް ކޯ ލިމިޓެޑާ އެކު މަޝްރޫއަށް ކޮންޓްރެކްޓުގައި ސޮއިކުރުމުގެ ކުރިން އެ ކުންފުނީގެ ގާބިލުކަން ކަށަވަރުކުރާނެކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހު ތިނަދުއަށް ވަޑައިގެން ވަނީ މި ބިޔަ މަޝްރޫއު އިފްތިތާހުކޮށްދެއްވައިފައެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލަން ސޮއިކުރި ފަހުމަނާމާގައި ސޮއިކުރެއްވުމަށް ފަހު ދެއްކެވި ވާހަަކައިގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މިއީ އިންވެސްޓަރު ފައިނޭންސް ކުރާ މަޝްރޫއެއް ކަމަށެވެ.

ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަކު، ފަހުމުނާމާގައި ސޮއިކުރި ކުންފުންޏަކީ އެ ކަމަށް އެކަށޭނަ ކުންފުންޏެއް ނޫން ކަމަށް ބުނެ، ބައެއް މީހުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި، އެ ކުންފުންޏަކީ އެފަދަ މަޝްރޫއެއް މީގެ ކުރިން ހިންގާފައި ވެސް ނުވާ ކުންފުންޏެއް ކަމަށް ބައެއް މީޑިއާތަކުން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންގާރަ ދުވަހު ސޮއިކުރި ފަހުމުނާމާއަކީ މަޝްރޫއު ކުރިއަށް ގެންދަން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމަށް ސަރުކާރުގެ އިކޮނަމިކް ކައުންސިލުން ނިންމައިގެން ސޮއިކުރި ފަހުމުނާމާއެއް ކަމަށެވެ.

އެކަމަކު، މަޝްރޫއު ކުރިއަށް ގެންދަން އެއްބަސްވުން ހަދާނީ ކޮންޓްރެކްޓަރުގެ ގާބިލިއްޔަތުކަން ކަށަވަރުކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

"ކޮންޓްރެކްޓުގައި ސޮއިކުރެވޭނީ ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތުކަން ކަށަވަރުކުރުމަށް ފަހު، ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ،" ބަޔާނުގައި ވެއެވެ.

މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއު އެއްކޮށް ނިންމައިލާނެ ކަމަށެވެ.

https://sun.mv/188915

މި މަޝްރޫއަށް ތިނަދޫއިން 50 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ނިމޭއިރު ގާއިމުކުރާނެ ބައެއް ޚިދުމަތްތަކަކީ:

  • އެންމެ ބޮޑެތި ބޯޓު ޖެއްސޭ ފެންވަރުގެ ކޯޑް އެފް ރަންވޭއެއް
  • ފެނުގެ މަތީގައި އޮންނަ ހިތްގައިމު ޓާމިނަލެއް
  • ޕްރިމިއަމް ފްލައިން ސްކޫލެއް
  • ފިއުލް ފާމެއް
  • ކާގޯ ޚިދުމަތް
  • ސީޕްލޭން ހަބެއް

މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރު 12 ރިސޯޓެއް ތަރައްގީކުރާނެ ކަމަށާއި އެއީ 2،000އަށްވުރެ ގިނަ އެނދުކަމަށެވެ.

ތިނަދޫ ފަޅު ހިއްކުމަށްފަހު އެ ތަނުގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް ހަދަން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭ މި ސިޓީގެ ކައުންސިލުން ވަނީ އޭރުގެ އެމްޑީޕީ ސަރުކާރުގައި ވެސް އެދިފައެވެ.

comment ކޮމެންޓް