ޕާކިސްތާނުގެ ކޯލިޝަން ސަރުކާރު އެކުލައިވައިލަން ރަސްމީކޮށް އެއްބަސްވެއްޖެ

ޕާކިސްތާނުގެ ކޯލިޝަން ސަރުކާރުން ބޮޑު ވަޒީރު ކަމަށް ގެންނަން ނިންމައިފައިވާ ޝެހެބާޒް ޝަރީފް -- ފޮޓޯ/އަލްޖަޒީރާ

ޕާކިސްތާނުގެ ކޯލިޝަން ސަރުކާރު އެކުލައިވައިލުމަށް އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލްއެން)އާއި ބިލަވާލް ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އިން ރަސްމީކޮށް އެއްބަސްވެއްޖެއެވެ.

މިދިޔަ ފެބްރުއަރި މަހުގެ އަށްވަނަ ދުވަހު ޕާކިސްތާނުގެ އާންމު އިންތިޚާބު ބާއްވައިފައިވާއިރު، ސަރުކާރެއް އުފެއްދޭ މިންވަރަށް އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ލިބިފައެއްނުވެއެވެ. އެހެންވެ، ޕާޓީތަކުން ދިޔައީ ކޯލިޝަން ހަދައިގެން ސަރުކާރެއް އުފެއްދުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ޕާކިސްތާނުގައި ސަރުކާރެއް އެކުލަވައިލުމަށް ޓަކައި 266 މެންބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 133 ގޮނޑި ޕާޓީއަކަށް ލިބެންޖެހެއެވެ.

އާ ސަރުކާރުގެ ބޮޑު ވަޒީރު ކަމަށް ކަނޑައަޅައިފައިވަނީ ނަވާޒްގެ ކޮއްކޮ ޝެހެބާޒް ޝަރީފެވެ. އަދި, ބޮޑު ވަޒީރު ކަމަށް ގެންނަން ނިންމައިފައިވަނީ އާސިލް ޢަލީ ޒަރުދާރީއެވެ.

އިންތިޚާބުގައި ޕީއެމްއެލްއެން 75 ގޮނޑި އަދި ޕީޕީޕީއިން 54 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، 93 ގޮނޑިއާ އެކު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ކުރީގެ ބޮޑު ވަޒީރު އަދި މިހާރު ޖަލުގައި އޮންނެވި އިމްރާން ޚާން ތާއީދު ކުރެއްވި އަމިއްލަ ކެންޑިޑޭޓުންނެވެ.

މި ފަހަރު އާ ސަރުކާރެއް އެކުލަވާލުމަށް ޕީއެމްއެލްއެން އާއި ޕީޕީޕީ ކޯލިޝަން ހަދައިފައިވާއިރު، އިމްރާން ވެރިކަމުން ދުރުކުރުމަށްޓަކައި 2022 ވަނަ އަހަރު ވެސް އެ ދެ ޕާޓީން ކޯލިޝަން ހެދިއެވެ.

ޕާކިސްތާނުގެ އިންތިޚާބުގެ ކުރިން ހިނގި ހަމަނުޖެހުންތަކާއި، ވޯޓަށް ފަހު ނަތީޖާ ލަސްވުން ފަދަ ކަންކަމުގެ ސަބަބުން އިންތިޚާބުގެ އިންސާފުވެރިކަމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ. އެ ތުހުމަތުތަކާއެކު އިމްރާންގެ ޕާޓީ، ޕާކިސްތާން ތަހްރީކީ އިންސާފް(ޕީޓީއައި)ގެ މެންބަރުން ވަނީ ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ އިދާރާގެ ކުރިމަތީގައި މުޒާހަރާކޮށްފައެވެ.

comment ކޮމެންޓް