ޕާކިސްތާނާއި އަފްޣާނިސްތާނުގެ ވިޔަފާރި މެދުކެނޑި، 2.5 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިއްޖެ

އަފްޣާނިސްތާނަށް އަނބުރާ ފޮނުވާލުމަށްޓަކައި، އަފްޣާން ރެފިއުޖީން ގޮވައިގެން ގޮސްފައިވާ ލޮރީތައް ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގެ ތޯރުޚަމް ބޯޑަރު ކައިރީގައިވާ ލަންދީ ކޯތަލް ހައިވޭގައި ޕާކުކޮށްފައި — 28 އެޕްރީލް 2026. (ފޮޓޯ: އޭއެފްޕީ/ އަބްދުލް މަޖީދު)

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ކުރަމުން އައި ވިޔަފާރީގެ މުއާމަލާތްތައް މެދުކެނޑިފައިވާތާ އަހަރެއް ވެފައިވާއިރު، އެކްސްޕޯޓަރުންނަށް ބޮޑެތި މާލީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހި، މުދާ އުފުލުމަށް ބޮޑު އަގު ދައްކަން ޖެހިފައިވާކަން ހިސާބުތަކުން ހާމަވެއްޖެއެވެ.

ސީއެންއޭގެ ރިޕޯޓެއްގައިވާ ގޮތުން މި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި މެދުކަނޑާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކަކަށް ފަހުގައެވެ. ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އެ ގައުމަށް ހަމަލާދޭ ހަނގުރާމަވެރިން ތިބެނީ އަފްޣާނިސްތާނުގައެވެ.

ނަމަވެސް، އަފްޣާނިސްތާނުގެ ވެރިކަންކުރާ ތާލިބާނުން މި ތުހުމަތުތައް ދޮގުކުރެއެވެ. ވިޔަފާރި ޖަމިއްޔާތަކުން އަންދާޒާކުރާ ގޮތުގައި މި މައްސަލައިގެ ސަބަބުން މިހާތަނަށް 2.5 ބިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ވިޔަފާރި ވަނީ ގެއްލިފައެވެ.

މި ނިންމުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޕާކިސްތާނުގެ ބޭސް އުފައްދާ ސިނާއަތަށެވެ. އަފްޣާނިސްތާނަކީ އެ ގައުމުގެ ބޭހުގެ އެންމެ ބޮޑު މާކެޓެވެ. ޕެޝާވަރުގެ ފެޑްރޯ ފާމަސޫޓިކަލްސްގެ ސީއީއޯ ޖުނައިދު އަލްތާފް ވިދާޅުވީ، ކުއްލިއަކަށް ބޯޑަރު ބަންދުވުމުން ފޮނުވަން ތައްޔާރުކުރި އެތައް މުދަލެއް ހަލާކުވެ، ގެއްލުންވެފައިވާ ކަމަށެވެ. އަދި އަފްޣާން އަދި އުޒްބެކިސްތާން ބަހުން ލޭބަލް ކޮށްފައިވާ ޕެކެޖިންތައް އުކާލަން ޖެހުނު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓްކުރާ ވިޔަފާރިތަކަށް ވެސް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެމްއެމް އެލާހީ ޓްރޭޑާސްގެ ސީއީއޯ މަންޒޫރު އެލާހީ ހާމަކުރި ގޮތުގައި، ކުރިން ކުންފުނީގެ އާމްދަނީގެ 80 އިންސައްތަ ހިއްސާކުރި މި ވިޔަފާރި މިހާރު ވަނީ ފަސް އިންސައްތައަށް ދަށަށް ގޮސްފައެވެ.

މިކަމުގެ ސަބަބުން މެދުތެރޭ އޭޝިއާގެ ގައުމުތަކަށް މުދާ ފޮނުވުމަށް ވިޔަފާރިވެރިންނަށް ޖެހިފައިވަނީ އީރާން މަގުން މުދާ އުފުލާށެވެ. ކުރިން ތޯރުޚަމް ބޯޑަރު ހުރަސްކޮށް ހަފުތާއެއްގެ ތެރޭގައި 2،000 އާއި 3،000 ދެމެދުގެ ޑޮލަރަށް ކުރެވުނު ދަތުރުތަކަށް، މިހާރު އީރާން މަގުން ހަ ހަފުތާ ހޭދަވާ ކަމަށާއި، ޚަރަދު 10،000 އިން 13،000 ޑޮލަރަށް އުފުލިފައިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ޕާކިސްތާނުގެ ސަރުކާރުން ބުނަމުންދަނީ އަފްޣާނިސްތާނުގައި ތިބި ހަނގުރާމަވެރިންނާ ދެކޮޅަށް ފިޔަވަޅު ނާޅަނީސް ވިޔަފާރި އަލުން ނުފަށާނެ ކަމަށެވެ. ނަމަވެސް، އިގުތިސާދީ މާހިރުން އިންޒާރު ދެއްވަނީ ގައުމުގެ ބޭރު ފައިސާގެ ރިޒާވް ދަށްވަމުންދާ މިދަނޑިވަޅުގައި، ސިޔާސީ ކަންކަމުގެ ތެރެއަށް އިގުތިސާދު ވެއްދުމަކީ ޕާކިސްތާނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށްގެން މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ވިޔަފާރިވެރިން އަންނަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް