މީސްކޮޅު މަދު ކޮނޑޭއަށް ރައީސް ދެއްވީ ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް

ރައީސް ގއ. ކޮނޑޭއަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

މީސްކޮޅު މަދު ގއ. ކޮނޑޭއަށް ޚާއްސަކޮށްގެން ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެެއެވެ.

ގއ.ގެ ރަށްތަކަށް މިހާރު ކުުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ރައީީސް ވަޑައިގެންނެވި ތިންވަނަ ރަށަކީ ކޮނޑޭއެވެ.

ބޯކޮށް ވެހުނު ވާރެއާއެކު ކޮނޑޭ ރައްޔިތުން ނިކުމެ ރައީސަށް މަރުހަބާ ކީއިރު، ޖަލްސާ ކުރިއަށް ދިޔަ ވަގުތު ވެސް ބޯކޮށް އައީ ވާރޭ ވެހެމުންނެވެ. ނަމަވެސް ރަށުގެ ގިނަ ރައްޔިތުން ޖަލްސާއަށް ހާޒިރުވެ ތިއްބެވެ.

އެއާއެކު ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮނޑޭގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމަށެވެ. ދަނޑުވެރިކަމުގެ ސިނާއަތް ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ މޭވާއާއި ތަރުކާރި ހެއްދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

"އެހެންވީމާ މި ރަށުގެ ތަރައްގީއަށް ޓަަކައި އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުންނާއި ކައުންސިލާ ބައިިވެރިވާ ގޮޮތަށް ދަނޑުވެރިކަމުގެ މުހިންމު މަޝްރޫއެއް ހިންގައިދޭނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައްޔިތުން އެދޭގޮތަށް ބަނދަރު ވެސް ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ރަށުގައި ހައުސިން ޔުނިޓު ގާއިމްކޮށް، ގެދޮރު ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ކަރަންޓު ނެޓްވޯކު ރަނގަޅުކޮށްދެއްވައި، ސްކޫލުގެ ހާލަތު ވެސް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"މިހިރަ ހުރިހާ ކަމެއް ކުރުމަަށް ސަމާލުކަން ދޭނަން އިރާދަކުރެއްވިއްޔާ. އެ ކަންކަމަށް ހައްލު ގެނެސްދޭން އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ ނަތީޖާ ވެސް ނެރެދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްގީކުރުމުގައި ކުޑަ ރަށެއް ނުވަތަ ބޮޑު ރަށެއް ތަފާތު ނުކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް