ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުން ލަސްވާ މައްސަލަ މަޖިލީހަށް

މި މައްސަލައިގައި ވަނީ މާޗު މަހުގައި ވެސް އެ ދެ އިދާރާގެ މުސާރަ ބޮޑުނުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައި -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑު ކުރުން ލަަސްވާތީ، އެކަން އަވަސްކޮށްދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑު ކުރުމަށް ނިންމައި، އޭގެ އޮނިގަނޑުތަކެއް ވެސް ހާމަކުރިއެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީމަހުގެ ތިންވަނަ ދުވަހު ޕޭ ކޮމިޝަނުން އެ ދެ އިދާރާގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަން ނިންމާފައިވަނީ މި އަހަރުގެ މާޗުމަހުގައިކަން ވަނީ އިއުލާންކޮށްފައެވެ.

މަޖިލީހަށް ހުށަހެޅި މައްސަލައިގައި މިކަން ފާހަގަކޮށްފައިވާއިރު، އެ ދެ އިދާރާގެ މުސާރަ ބޮޑުނުކުރެވިގެން އުޅެނީ ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ކަމަށް ބުނެފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ. އެ ގޮތުން ސިފައިންނާ ފުލުހުންގެ މުސާރަ ބޮޑުކުރެވެން އަންނަނީ މި އަހަރުގެ މާޗު މަހާ ހަމަޔަށް ދައުލަތުގެ މާލީ ހާލަތު ރަނގަޅުވުމުންކަން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައިވަނީ މާޗު މަހު ވެސް އެ ދެ އިދާރާގެ މުސާރަ ބޮޑުނުވެދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުނުކުރެވި ދިގުލައިގެންދާތީ އެ ދެ އިދާރާގެ އިތުބާރު ސަރުކާރަށް ގެއްލިދާނެކަމުގެ ކަންބޮޑުވުން ވެސް މިއަދު ހުށަހެޅި މައްސަލައިގައި ވަނީ ފާޅުކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން ސެޕްޓެންބަރު 15ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ޞާލިޙުގެ ސަރުކާރުން އެ ދެ އިދާރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަށް އަމަލު ކުރަން ފެށުން މި ސަރުކާރުން މަޑުޖައްސާލާފައިވާއިރު، އެއީ ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އޮނިގަނޑެއް ނޫނެވެ.

comment ކޮމެންޓް