ޔޫއެންޑީޕީއާ ގުޅިގެން، ފެންވަރު ރަނގަޅު ބޭސް ގަނޑުކޮށް ގެނައުމުގެ މަސައްކަތް ފަށައިފި

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް: ޔޫއެންޑީޕީއާ ގުޅިގެން، ފެންވަރު ރަނގަޅު ބޭސް ގަނޑުކޮށް ގެނައުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ގައުމުތަކުގެ އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމަށް އެހީތެރިވެދޭ އދ.ގެ ޖަމިއްޔާ، ޔޫއެންޑީޕީ ފަދަ ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކާ ގުޅިގެން ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ގަނޑުކޮށް ގެނައުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެކުނުގެ އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ޑރ. ޚަލީލް ގދ. މަޑަވެލީގައި އޮތް ޖަލްސާގައި ވިދާޅުވީ، ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށާއި އެ މަސައްކަތް ކުރުމަށް ކެބިނެޓް މެދުވެރިކޮށް ރައީސް މަގުފަހިކޮށްދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރު އިޝާރާތް ކުރެއްވީ، ބޭސް ގަންނަން 'ބަލްކް ޕްރޮކިއުމަންޓް ނިޒާމު' ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަންނަން މިމަހުގެ ހަތަރެއްގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަކަށެވެ.

އެ ނިޒާމުގެ ތެރެއިން، އެސްޓީއޯއިން ސިއްހީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން މި ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކެބިނެޓުން ނިންމިއެވެ.

"މިހާރު ރާއްޖެއަށް ގެންނަ ބޭހަށް ބަލާއިރުގައި މިގެންނަ ކޮލިޓީ ބޭސް މި ގެނެވެނީ ތަންކޮޅެއް އަގުބޮޑުކޮށް އެހެންނަމަވެސް ބަލްކްކޮށް، ގަނޑުކޮށް އެއް ފަހަރާ ގެންނަ ކަމުގައި ވަންޏާ ޚާއްޞަކޮށް މިކަހަލަ ނެޓެއްގެ ތެރެއަށް ވަދެގެން ގެނެވޭ ކަމަށް ވަންޏާ އަގުހެޔޮކޮށް ކޮލިޓީ ބޭސް ގެނެވޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ރައްޔިތުންނަށް އެ ހޯއްދަވައިދެއްވީ،" ޚަލީލް ވިދާޅުވިއެވެ.

ރައީސްގެ އިތުރު ވައުދުފުޅެއް ކަމަށްވާ، ކޮންމެ ރަށެއްގެ އާބާދީއަށް ބަލައި ލެބޯޓަރީ ޚިދުމަތް ގާއިމުކުރުމުގެ ވައުދުފުޅު ފުއްދުމުގެ މަސައްކަތް ވެސް ފަށަން ތައްޔާރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ހަތަރު ރަށެއްގައި އެ ޚިދުމަތްތައް ފަށާނެ އިރާދަކުރެއްވިއްޔާ މި ހަފުތާ ތެރޭގައި. ހަފުތާ ނިމެން މިއޮތީ ދެ ދުވަސް ކަން ވެސް އަޅުގަނޑަށް އެނގޭ، އެނގި ހުރެ އަޅުގަނޑު މި ދަންނަވަނީ ހަތަރު ރަށެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ޚިދުމަތްތައް ފަށައިގަންނާނަން،" ޚަލީލް ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޮން ހަތަރު ރަށެއް ކަމެއް އޭނާ ހާމައެއްނުކުރައްވައެވެ.

ރާއްޖެއަށް އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން ބޭސް އެތެރެކުރާގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް އެ މަނިކުފާނު ވަނީ ނިންމަވައިފައެވެ.

ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ނުލިބި، ނުރައްކާތެރި މާއްދާތައް އެކުލެވޭ ބޭސްތައް ބައެއް ފަހަރު އެތެރެ ކުރާ މައްސަލައަކީ އާންމު ޝަކުވާއެކެވެ. އެގޮތުން ދިވެހިން އާންމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ވެސް ބޭނުންނުކުރަން މީގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފައިވެއެވެ.

comment ކޮމެންޓް