މަސްވެރިންނަށް ފައިސާ ދޫނުކުރެވެނީ ސަރުކާރު ނާގާބިލުކަމުން: އެމްޑީޕީ

މި ސަރުކާރުން މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ދޫނުކޮށް ގިނަދުވަސް ވާތީ އިދިކޮޅު އެމްޑީޕީއިން މިއަދު ވަނީ ނުރުހުން ފާޅުކޮށްފައި -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ މި ސަރުކާރަށް ދޫނުކުރެވިގެން އުޅެނީ ސަރުކާރު ނާގާބިލުކަމުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.

މަސްވެރިންނަށް މިހާތަނަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ބާކީ ނުދެވި 280 މިލިއަނެއްހައި ރުފިޔާ އެބައޮތް ކަމަށް މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ވީ އެންމެ އަވަހަކަށް މަސްވެރިންނަށް ފައިސާ ދޫކުރަން ސަރުކާރަށް ގޮވާލައިފައެވެ.

"ކޮވިޑްގެ އެންމެ ދަތި ހާލުގައި ވެސް ސަރުކާރުގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް ދަނޑިވަޅުގައި ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ވަނީ ދޫކޮށްފައެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ މަސްވެރިން ކާންބޯން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަސްވާއިރު ވެސް ހިފަހައްޓާފައި ވަނީ ސަރުކާރުގެ ނާގާބިލުކަމުން ކަމަށެވެ. އަދި، އެތަކެއް މަސްވެރި އާއިލާއަކަށް މި ނިކަމެތި ހާލު ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުންނެވެ.

"މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދެވޭ ހާލަތުގައި އެ މަސްވެރިން ކާންބޯން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަސް ވާއިރު ވެސް ހިފަހައްޓާފައި ވަނީ މިސަރުކާރުގެ ނާގާބިލު ކަމުންނެވެ،" ބަޔާނުގައި ވެއެވެ.

https://sun.mv/188892

އެ ޕާޓީން ބުނީ، ސަރުކާރުގެ މެނިފެސްޓޯގައި 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ޑޮލަރުން ފައިސާ ދޫކުރާނެ ކަމަށް ވައުދުވެ، އެ އަހުދާ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ހިލާފުވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ތުހުމަތުކުރި ގޮތުގައި މަސްވެރިންނަށް ބޭނުންވާ ފައިސާ ދޫނުކުރި ނަމަވެސް ސަރުކާރުން އަންނަނީ ސިޔާސީ މަގުސަދުތަކުގައި އެކިއެކި ކަންކަމަށް ޚަރަދުކުރަމުންނެވެ. މަސްވެރިންގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާއިރު، ސިޔާސީ މަގާމުތައް ގިނަކުރާ ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީން ވަނީ މަސް ގަންނަ އަގު ރޯދަ މަހަށް 15 ރުފިޔާއަށް ތިރިކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. އެކަމަކު، ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، 20 ރުފިޔާއަށް ވުރެ މަސް ގަންނަ އަގު ދަށްނުކުރާނެ ކަމަށެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގެ މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކުރުމުގެ ސަބަބުން މިފްކޯއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން މަސް ގަންނަ އަގު 20 ރުފިޔާއަށް ދައްކުރުމުން ވެސް އަދިވެސް މިފްކޯއަށް މަސް ގަންނަނީ ހަ ރުފިޔާގެ ގެއްލުމުގައި ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް އާމްދަނީގެ ގޮތުގައި މިފްކޯއަށް ވަނީ 395 މިލިއަން ރުފިޔާ ލިބިފައެވެ. އެކަމަކު، މަސްވެރިންނަށް ޖުމުލަ 435 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި އަދި އަންނަ ހަފުތާގައި އިތުރު 100 މިލިއަން ރުފިޔާއާ އެކު މާޗު ފަސްވަނަ ދުވަހުގެ ކުރިން މިހާރު ނުދައްކައި އޮތް 280 މިލިއަން ދައްކައި ހަލާސްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަހަށް ފައިސާ ނުލިބިގެން މަސްވެރިން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. މަސްވެރިން ބުނެފައިވަނީ އިހުތިޖާޖު ނިމުމަކަށް ގެންނާނީ ފައިސާ ލިބުމުން ކަމަށެވެ.

comment ކޮމެންޓް