ގދ. އާއި ގއ. އަށް ރައީސްގެ ދަތުރުފުޅު ފައްޓަވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ވަޑައިގަތުން: -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ އެންމެ ދެކުނުން އޮތް ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހު ގދ. އާއި ގއ. އަތޮޅަށް މިއަދު ދަތުރުފުޅު ފައްޓަވައިފިއެވެ.

ފަސް ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ދެން ވަޑައިގަންނަވާނީ ގދ.ގެ ބައެއް ރަށްތަކަށާއި ގއ.ގެ ބައެއް ރަށްތަކަށެވެ. ނަމަވެސް އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ އެ މަނިކުފާނު ބައްދަލުކުރައްވާނެއެވެ.

ގދ.ގެ ރަށްތަކުގެ ތެރެއިން ރައީސް ވަޑައިގަންނަވާނީ، ފަރެސްމާތޮޑާ، މަޑަވެލި، ތިނަދޫ، ގައްދު އަދި ފިޔޯރިއަށެވެ.

ގއ.ގެ ރަށްތަކުގެ ތެރެއިން ރައީސް ވަޑައިގަންނަވާނީ ގެމަނަފުށި، ކޮނޑޭ، ވިލިނގިލި، ކޮލަމާފުށި، އަދި ދާންދުއަށެވެ.

މި ދަތުރުފުޅުގައި ވެސް ރައީސްގެ އަރިހުގައި، މި ރަށްރަށަށް ނިސްބަތްވެވަޑައިގަންނަވާ ކެބިނެޓް މިނިސްޓަރުންނާއި، ރައީީސް އޮފީހުގެ އިސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ އެ ސިޓީގައި ހިންގާނެ އެންމެ މުހިންމު ބޮޑު އެއް މަޝްރޫއުކަމަށްވާ ހުޅުދޫ، މީދުއާއި ހިތަދޫ ގުޅައިލާ ބްރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސްވަނީ އެ ރަށު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަޙި އިފްތިތާހުކޮށްދެއްވައިފައެވެ. އަދި، އެ ރަށު ރައްޔިތުންނަށް އުންމީދީ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް