ފުވައްމުލަކަށް ރައީސް ދެއްވީ ބޮޑު އުންމީދެއް، އެކަމު ހާސިލްވާން އޮތީ މަޖިލިސް ދީގެން

ރައީސް މުއިއްޒު ފުވައްމުލައް ސިޓީގެ ޖަލްސާގައި -- ފޮޓޯ/ ރައީސް އޮފީސް

ފުވައްމުލައް ސިޓީގެ ރައްޔިތުން އެދޭގޮތަށް، މި ސިޓީގައި މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމުގެ އުންމީދު ދެއްވައި، އެ ކަން ހާސިލްކުރުމަށް ޓަކައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް އެ ސިޓީގެ ރައްޔިތުންނަށް ރައީސް ގޮވައިލައްވައިފިއެވެ.

މިރޭ ފުވައްމުލަކުގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސްވަނީ ފުވައްމުލަކުގައި ހިންގާ ވަކިވަކި މަޝްރޫއުތަކާއިި، އެ ސިޓީއަށް މިހާރު ބޭނުންވާ ކަންމަށް އަލިއަޅުއްވައިލައްވައިފައެވެ.

އެގޮތުން ރައީސް ވިދާޅުވީ މިއަދު ފުވައްމުލަކުގައި ފެށުުނު މަގު ހެދުމުގެ މަޝްރޫއާއެކު، އެ ސިޓީގެ ހުރިހާ މަގެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. ހަަމައެއާއެކު ފުވައްމުލަކުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް، ތިން ސަރަހައްދެއްގައި މޫދަށް އެރެވޭ ގޮތަށް ތަރައްގީ ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފުވައްމުލަކުގެ ބަނދަރު ތަރައްގީކުރުމަށް ވެސް ހަދަންޖެހޭ އިންޖިނިއަރިންގެ ކަންކަން ބަލައި، ރައްޔިތުން އެދުނު ގޮތަށް އެ ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އެ ކަމަށް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު. އެ ކަމަށް ދާނެ ޚަރަދު ވެސް އެހާމެ ބޮޑުވާނެ. މި ސިޓީއަށް އެއީ އަސާސީ ކަމެއް،" ބަނދަރު މަސައްކަތަށް އެންމެ އިސްކަންދެއްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ފުވައްމުލަކު އެއާޕޯޓު ރަންވޭގެ މަސައްކަތް ވެސް ކުރެވޭނެ ގޮތެއް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ މި ސިޓީއަށް ވީހާ ވެސް އަވަހަށް ފަޅު ރަށެއް ހޯދައިދެއްވައި، ރަށުގެ ވިޔަފާރިތަކާއި ކައުންސިލަށް އެ ރަށަށް އިންވެސްޓުކުރުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.

ރައީސް މުއިއްޒު ފުވައްމުލައް ސިޓީގެ ޖަލްސާގައި -- ފޮޓޯ/ ރައީސް އޮފީސް

ހަމައެއާއެކު އިކޯ ޓޫރިޒަމަށް ފަހިކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވައި، "ދާން ބޭނުންވާ ފުޅާ މިނެއްގައި ދާން" ފުރުސަތު ދެއްވާނެކަމަށް ވިދާޅުވިއެވެ.

އެއާއެކު ރައީސްވަނީ މި ހުރިހާ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ޓަކައި ކުރުން ވަރަށް މުހިންމު ކަމެއްވާ ކަން ފަހަގަކުރައްވައިފައެވެ. އެއީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ ފުރިހަމަ އަޣުލަބިއްޔަތު ސަރުކާރަށް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ކަންކަން ކުރެވޭނީ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދެވިގެން. ފުރަތަމަ 100 ދުވަސް. ހަފުތާ 100ގެ މަސައްކަތް މި ދިޔައީ ތިޔަ ހުރިހާ ލޮބުވެެތި ރައްޔިތުންނަށް ވެސް ފެނިވަޑައިގަންނަވާނެ އެންމެ ފަސޭހަ ގޮތަކަށް ނޫން. އަޅުގަނޑު އެކްސްޕެކްޓެއް ވެސް ނުކުރަން ފަސޭހަވާނެ ކަމަށް މަޖިލިސް ތެރެއިން،" ރައީސް ވިދާޅުވިއެވެ.

އެގޮތުން މަޖިލީހަކީ، ރައީސްކަމުގެ ޒިންމާ އެ މަނިކުފާނު ފުރިހަމަ އަދައިކުރުމަށް ބޭނުންވާ ތަނެއްކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި ސީރިއަސް ބައިވަރު މަސައްކަތްތަކުގައި، ރައްޔިތުންނަށް ހެވާއި ލާބަ ހޯޯދައިދިނުމުގައި ކުރަން ހުރި މަސައްކަތްތަކުގައި ވިސްނަންޖެހޭ ވިސްނުމެއް ވީމަ މި ވާހަކަ މި ދަންނަވަނީ. އެއީ ރައްޔިތުންނަށް ޓަކައި ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދައިކުރުމުގައި ކުރާ މަސައްކަތް ކުރުމަށް ޓަކައި އިތުރަށް ބޭނުންވާ ކަމެއްގެ ވާހަކަ މިއީ،" މިއީ ސިޔާސީ ވާހަކަފުޅެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ލިބިފައި އޮތީ މުސްތަގްބަލު ބައްޓަންކުރުމުގެ ބާރު ކަމަށެވެ.

comment ކޮމެންޓް