މިއީ ޒުވާން ޖީލުގެ ވެރިކަމެއް، ފުރޮޅާލަން ޖާގައެއް ނުދެވޭނެ: ޝަހީމް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ޝަހީމް ވިދާޅުވީ މި ސަރުކާރަކީ ޒުވާން ޖީލުން ޚިޔާރު ކުރި ވެރިކަމެއް ކަމަށާއި މި ވެރިކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަދަލުކުރަން ޖާގަ ނުދެވޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަކީ ޒުވާން ޖީލުން ޚިޔާރު ކުރި ސަރުކާރެއް ކަމަށާއި މި ވެރިކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަދަލުކުރަން ޖާގަ ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ޝަހީމް، ފުވައްމުލަކު ސިޓީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ސަރުކާރު ގެނައުމަށް އެންމެ ވަރުގަދަ މަސައްކަތެއް ކުރި އެއް ބަޔަކީ ފުވައްމުލަކުގެ ރައްޔިތުން ކަމަށެވެ. އެކަމަށް ޓަކައި އެ ރަށުގެ ރައްޔިތުންނާ މެދު ފަޚުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ބޭރާއި އެތެރޭގެ ދަރަނި ވެސް ވަރަށް ބޮޑު ކަމަށާއި ނަމަވެސް ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމަށް ރައީސް ހިތްވަރާއެކު މަސައްކަތް ކުރައްވާ ކަމަށެވެ.

"މިކަންކަމުން ދިވެހި ގައުމު ސަލާމަތް ކުރެއްވުމަށްޓަކައި ހިއްމަތާއި ހިތްވަރާއި ކެތްތެރިކަމާއެކުގައި މަސައްކަތް ކުރައްވަމުންދާ ޒުވާން، ވަރުހުރި ރައީސެއްގެ ވެރިކަން 13 ހަފުތާ ތެރޭގައި ގުޑުވާލަން މި މަސައްކަތް ކުރަނީ އެއީ ކީއްވެގެންތޯ އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ފައްޓާފައިވާ ނުވަތަ ފުރިހަމަ ކޮށްފައިވާ ކަންތައްތައް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރައީސް މަސައްކަތް ކުރައްވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ވެރިކަން ބަދަލުކުރަން ބަޔަކު މަސައްކަތް ކުރަނީ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެގެން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ޒުވާން ޖީލުގެ ވެރިކަމަށް ފުރުސަތު ދޭން އެބަ ޖެހޭ. އިންސާފުވެރިވާން ޖެހޭ. ދިވެހި ރާއްޖޭގެ ސިޔާސީ ލީޑަރުން ވެސް އިންސާފުވެރިވާން ޖެހޭ ދިވެހި ގައުމާ މެދުގައި. މިއީ އެއްވެސް ބަޔެއްގެ އަމިއްލަ ތަރިކައެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޝަހީމް އެހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހަކާ ގުޅިގެން، އެއީ ރައީސް އަޒުލުކުރުން ފަސޭހަ ކުރުމުގެ ބޭނުމުގައި ފާސްކޮށްފައިވާ އިސްލާހެއް ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެމްޑީޕީން ގެނައި އިސްލާހާ އެކު މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ މެންބަރުން ނުގުނާނެއެވެ. އެހެންވެ، މި މަޖިލީހުން ސަރުކާރާ ގުޅިވަޑައިގަންނަވަން އިސްތިއުފާ ދެއްވި ހަތް މެންބަރުން ނުލައި، މި މަޖިލީހުގައި މިހާރު ތިއްބަވަނީ 80 މެންބަރުންނެވެ. އެއީ، މުއްދަތު ކުޑަކަމުން ބައި-އިލެކްޝަނެއް ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުންނެވެ.

https://sun.mv/188859

އެ އިސްލާހު ބާތިލުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮއްވައި، އެ އިސްލާހުގައި ހިމެނޭ ކަންތައްތައް އެހެން މާއްދާއެއްގައި ހިމަނަން މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

.

comment ކޮމެންޓް