މައްކާގައި ތާށިވެފައި ތިބި މަޝްއަރު ޓުއާސްގެ ޢުމްރާވެރިން ރާއްޖެ ގެނެސްފި

އުމްރާއަށް ދިއުމަށް ދިވެހިން އެމީހުންގެ އާއިލާއާއެކު އެއާޕޯޓުގައި --- ފޮޓޯ/ ޤިބްލަ ހައްޖު އެންޑް އުމްރާ

މަޝްއަރު ޓުއާސްގެ ފަރާތުން މިދިޔަ ރޯދަމަހު ޢުމްރާއަށް ދިޔަ ޢުމްރާވެރިންގެ ތެރެއިން ސައުދީގައި ތާށިވި ހުރިހާ ޢުމްރާވެރިން އެންމެ ފަހުން އެ އެޖެންސީގެ ޚަރަދުގައި ރާއްޖެ ގެނެސްފިއެވެ.

މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ 50 އެއްހާ ޢުމްރާވެރިން މައްކާގައި ތާށިވީ ޓިކެޓަށްވާ ފައިސާއަށް ދިން ޗެކް ބައުންސްވެގެންނެވެ. މި މައްސަލަ ދިމާވީ އޭސް ޓްރެވަލްސްއިން ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުންނެވެ.

މިގޮތުން، މަޝަރައު ޓުއާސްގެ ފަރާތުން އުމުރާއަށް ދިޔަ މީހުންގެ ތެރެއިން ތާށިވި ހުރިހާ ޢުމްރާވެރިން ރާއްޖެ ގެނެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ނިންމައިފައެވެ.

އެ އެޖެންސީން ބުނީ މިދިޔަ ހަފުތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ތިން ދުވަހުގެ މަތީން ޢުމްރާއަށް ގޮސް ތާށިވެފައި ތިބި ހުރިހާ ޢުމްރާވެރިން ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

މަޝްއަރު ގްރޫޕުގެ ހަވާލުގައި ޢުމްރާއަށް ދިޔަ ޢުމްވާރިން ނާދެވި، ތާށިވެފައި ތިބި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ވެސް ހުށަހެޅިއެވެ.

ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓަށްވާ ފައިސާއަށް ދޫކުރާ ޗެކް ބައުންސްވެގެން މީގެ ކުރިން ވެސް މަޝްއަރު ޓުއާސްއިން ވަނީ އިހުމާލުވެފައެވެ. އިސްލާމިކް މިނިސްޓަރީން ވެސް ވަނީ މިކަން ބަލައި، އެކަަމަށް ސަމާލުވުމަށް އެދިފައެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ ދަށުން ހުއްދަނެތި ޢުމްރާއަށް މީހުން ގެންދިޔުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ބުންނެވެ.

"އަލް މަޝްއަރު ޓުއާސް މެނޭޖިން ޑިރެކްޓަރު އަލީ ފާރިޝްއަކީ މި މިނިސްޓްރީ ހުއްދަ ބާތިލުކޮށްފައިވާ އަލް މަޝްއަރު ޙައްޖު އެންޑް އުމްރާ ކުންފުނީގެ ވެސް މެނޭޖިން ޑިރެކްޓަރެވެ،" މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނުގައިވެއެވެ.

އެހެންކަމުން، އެ ކުންފުންޏަށް ނުވަތަ އަލީ ފާރިޝްއަށް ޢުމްރާއަށް ދިޔުމަށް އެއްވެސް މީހަކު ފައިސާ ނުދެއްކުމަށާއި އުމްރާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޢުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ޢުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަކީ އުސޫލާ ޚިލާފު ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ޙައްޖާއި ޢުމްރާއަށް މީހުން ގެންދާ ބައެއް ގުރޫޕުތަކުން އަމަލު ކުރާ ނުރަނގަޅު އުސޫލުތަކުގެ ސަބަބުން އެތައް ބަޔަކަށް މީގެ ކުރިން ލަނޑު ލިބިފައި އެބަހުއްޓެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުގައި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވިފައިވާ ކުންފުނިތަކުގެ ލިސްޓުވަނީ އާންމުކޮށްފައެވެ. ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ޖުމްލަ 50 ކުންފުންޏަކަށް ދީފައިވާއިރު، ހަތަރު ކުންފުންޏެއްގެ ހުއްދަ މިދިޔަ މަހަށް އޮތީ ހަމަވެފައެވެ.

comment ކޮމެންޓް