މުޅި ރިޔާސީ ބަޔާނުގައި އޮތީ ދޮގާއި މަކަރާއި އޮޅުވައިލުން: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލީސް

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ހެއްދެވީ މުޅިން އިތުރުފުޅާއި ހީލަތްތެރި ވާހަކަތަކާއި އޮޅުވައިލުން ކަމަށް، އެ ބަޔާނަށް ޖަވާބުދާރީވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ ފަސްވަނަ ދުވަހު މަޖިލީސް ހުޅުވައިދެއްވަމުން ރައީސް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ ފުރުސަތު މިއަދު ވަނީ މެޖޯރިޓީ ޕާޓީއަށް އަރުވައިފައެވެ.

ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ބިގޭ ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ވެސް ދޮގާއި މަކަރުން ކަމަށެވެ. އަދި، ރިޔާސީ ބަޔާނުގައި ވެސް މަސައްކަތްޕުޅު ކުރައްވާފައިވަނީ އިތުރުފުޅު ހައްދަވައި، ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވައިލަން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

"ހިތާމައާ އެކު ކަންބޮޑުވުމާ އެކު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާ އެކު ބަޔާންކޮށްފައިނުވާކަން. ގައުމުގެ ހާލަތު ރައްޔިތުންނަށް އޮޅުވައިލައްވާފައިވާކަން،" އޭނާ ވިދާޅުވިއެވެ.

"ގައުމަށް ދިމާވެފައިވާ މުހިއްމު ކަންކަމަށް އެއްވެސް މިންވަރަކަށް އަލިއަޅުއްވާލައްވައިފައިނުވާކަން. މިއީ މިއަދު އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމެއް،"

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދާރީވަނީ -- ފޮޓޯ/ މަޖިލީސް

އެއަށް ފަހުގައި އޭނާ ވަނީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ހޯއްދެވި ބައެއް ކާމިޔާބީތަކަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން، ކޮވިޑުގެ ދަތި ހާލަތުގައި ވެސް ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވާ، ދަރަނި ނަގައިގެން ވެސް އިގުތިސާދު ކުރިއަށް ގެންދިއުމުގެ ނަތީޖާ ފޮނި ކަމަށް ބިގޭ ފާހަގަކުރެއްވިއެވެ.

ރިޔާސީ ބަޔާނަށް ޖަވާބުއަރުވަމުން އޭނާ ވިދާޅުވީ، ފައިސާ ޗާޕުކުރުން ވެސް މި ސަރުކާރުން ހުއްޓައިލި ކަމަށް ވިދާޅުވީއިރު، އެއީ މިދިޔަ ސަރުކާރުގައި ނިންމާފައި އޮތް ނިންމުމެއް ކަމަށެވެ.

އަދި، ސޮވެރިން ޑިވޮލޮޕްމަންޓު ފަންޑުގައި ހުރި ޑޮލަރު ދިވެހި ރުފިޔާއަށް މާރުކޮށްފައިވާކަމަށް ވިދާޅުވެ، ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރެއްވީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވައިލަން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. ބިގޭ ވިދާޅުވީ، އެކަން އެގޮތަށް ކުރީ އެކްސްޓާނަލް ރިޒާވް އިތުރުކުރަން ކަމަށާއި އަދި ލޯނު ދައްކަން ބޭނުންވާ ޑޮލަރު ވިއްކާނެކަމުގެ ޔަގީންކަން އެމްއެމްއޭއިން ދީފައި އޮތް ކަމަށެވެ.

"އެއް ސަރުކާރުން ކުރާ ކޮންމެ ކަމެއް ބޮލައިލައި ޖެހުމުގެ މާޒީއަށް ބޮޅެއް އިތުރުނުކުރައްވާ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ރައީސްގެ ރިޔާސީ ބަޔާނަށް ޖަވާބު އަރުވަނީ -- ފޮޓޯ/ މަޖިލީސް

މީގެ އިތުރުން، ބޯހިޔާވަހިކަމަށް ބޭނުންވާ ފައިސާ ހޯދަން ފަސޭހަކުރުމަށް ލުއި އިންޓްރެސްޓް ރޭޓުތަކުގައި ހައުސިން ލޯނު ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއިރު، އެއީ ވެސް މިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ފައްޓާފައި އޮތް މަޝްރޫއެއް ކަމަށް ބިގޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ކަމުގެ ހަގީގަތް ވެސް އޮޅުވައިލަން ރައީސް މަސައްކަތް ކުރެއްވީ ކަމަށެވެ.

ކުރީ ސަރުކާރުގައި ފެށި މަޝްރޫއުތައް ސަރުކާރު ބަދަލުވުމާ އެކު ހުއްޓިފައިވާކަމަށް ތުހުމަތުކުރައްވައި އޭނާ ވިދާޅުވީ މި ސަރުކާރުން ބަހަނާ ނުދައްކައި، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

"ރައީސްގެ ރިޔާސީ ބަޔާނަކީ ވެސް ބުހުތާނު ދޮގު ހިމެނިގެންވާ ބަޔާނެއް. އޮޅުވައިލުމާއި ދޮގުތައް،" އޭނާ ވިދާޅުވިއެވެ.

އެ ސިޔާސަތުތަކުގެ އިތުރުން، އިޖުތިމާއީ ދާއިރާއަށް ރިޔާސީ ބަޔާނުގައި އަލިއަޅުއްވައިލެއްވި މިންވަރު ކުޑަކަމަށް ވިދާޅުވެ، އެ ކަމަށް ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން، ޑުރަގާއި ގޭންގުތަކުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައި އޮތްއިރު އެ މައްސަލައިގެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތުމަކީ ރައީސް މުއިއްޒު ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ ކަމެއް ކަމަށް ބިގޭ ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލީސް

ހަމައެހެންމެ، މަތީ ތައުލީމަށް އަލިއަޅުއްވައިލެއްވި މިންވަރު ކުޑަކަމާއި ކުރީ ސަރުކާރުގެ މަޝްރޫއުތަކާ ގުޅިގެން އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތުކުރައްވައި ބިގޭ ވަނީ ރިޔާސީ ބަޔާނަކީ "ބުހުތާނު ދޮގު" ހިމެނޭ ބަޔާނެއް ކަމަށް ވިދާޅުވެފައެވެ.

"މިފަދަ ބޮޑު ދޮގުތަކުން ދެނެއް ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ. އެއް ހަރަކުން ދެ ފަހަރު މުއުމިނެއްގެ ގަޔަށް ކައްޓެއް ނުޖެހޭނެ،" ރިޔާސީ ބަޔާނަށް ޖަވާބުދާރީވަމުން ބިގޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހާމަކަން ބޮޑު ސަރުކާރެއް އެކުލަވައިލާނެ ކަމަށް ވައުދުވެލެއްވި ނަމަވެސް، މި ސަރުކާރުން ޚަރަދުތަކުގެ ތަފުސީލުތައް ހާމަކުރުން ވެސް ހުއްޓާލައިފައިވާ ކަމަށެވެ. އަދި، ރަޖިސްޓްރީނުކުރާ ބައެއް ވެބްސައިޓުތައް ބަންދުކުރުމުން ދޭހަވަނީ މި ފަސް އަހަރަކީ ނޫސްވެރިންނަށް ކަޅު، އަނދިރި ފަސް އަހަރުކަން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް