އަބަދު ވެހިވެހި، މޫސުން އަލިވާނީ ދެ ދުވަހެއް ފަހުން

މާލޭގައި ފެންބޮޑުވެފައި އޮތް މަގެއްގައި އަންހެނަކު ހިނގާފައި ދަނީ: މެޓު އޮފީހުން ބުނީ ދެ ދުވަހެއް ފަހުން މޫސުން އަލިވާނެ ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ

ބައެއް އަހަރުތަކުގެ މި ދުވަސްވަރު ވިއްސާރަކުރާނެ ކަމަށާއި އިރުވައި މޫސުން ފެށޭނީ ވިއްސާރައާ އެކު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ބުނެފިއެވެ.

މޫސުން އަލިކޮށް، އޮވެފައި ވެސް ދޭތެރެއަކުން ބަނެވެފައި ވިއްސާރަވެއެވެ.

އެއީ، އާންމުކޮށް ވެސް އިރުވައި މޫސުން ފެށޭއިރު ކުރާ ވިއްސާރައެއް ކަމަށް މެޓު އޮފީހުން ބުންޏެވެ.

މެޓު އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި، ވިއްސާރައާ އެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށާއި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ބުންޏެވެ.

މިގޮތުން، މެދުރާއްޖެތެރެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެކަމަކު، ކުރިއަށް އޮތް ދެ ދުވަހަށް ފަހު، ދެން ވިއްސާރަކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް