މޫސުމަށް އަންނަ ބަަދަލުތަކާ ގުޅުން ހުރި ފައިސާ ލިބޭނެ ފަސޭހަގޮތެއް ހޯދަންޖެހޭ: ޒަމީރު

މިނިސްޓަރު ޒަމީރު: މޫސުމަށް އަންނަ ބަަދަލުތަކާ ގުޅުން ހުރި ފައިސާ ލިބޭނެ ފަސޭހަގޮތެއް ހޯދަންޖެހޭ ކަމަށް އޭނާ ވަނީ ބައިނަލްއަގުވާމީ ޕެނަލްއެއްގައި ވިދާޅުވެފައި -- ފޮޓޯ: ރައީސް އޮފީސް

މޫސުމަށް އަންނަ ބަަދަލުތަކާ ގުޅިގެން ރާއްޖެ ފަދަ ކުދި ގައުމުތަކަށް އެހީގެ ގޮތުގައި ހަމަޖައްސާ ފައިސާ، ފަސޭހައިން ލިބޭނެ އިންތިޒާމެއް ބައިނަލްއަގުވާމީ މުޖުތަމައުން ހަމަޖައްސައިދޭން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޖަރުމަނުގެ މިއުނިކް ގައި އިއްޔެ ފެށި މިއުނިކް ސެކިއުރިޓީ ކޮންފަރެންސް (އެމްއެެސްސީ)ގެ "ފްރޮމް ޕޮކެޓް ޓު ޕްލެނެޓް: ސްކޭލިން އަޕް ކްލައިމެޓް ފައިނޭންސް" ޕެނަލްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަަށް މިހާރު ހަމަޖައްސާފައިވާ ފައިސާގެ އޮނިގަނޑުގައި، އެ ބަދަލުތަކަށް އަހުލުވެރިވުމަށާއި ގެއްލުން ކުޑަ ކުރުމަށް ޚަރަދުކުރަން ފަހިކޮށްދީފައިނުވާ ކަމަށެވެ.

އޭގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުން ހުރި މަސައްކަތްތަކަށް ސަރުކާރުތަކުން އަމިއްލައަށް ބޮޑު ހޭދައެއް ކުރަންޖެހޭކަމަށް ޒަމީރު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށް ޓަކައި ރާއްޖެއިން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހަކަތައިގެ ޑިމާންޑުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގާއިމުކުރުން ހިމެނޭ ކަމަށް އޭނާ ޕެނަލްގައި ފާހަގަކުރެއްވިއެވެ.

މިިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި މަޝްރޫއެއް ހިންގުމަށް މާލީ އެހީތެރިކަން ހޯދާނަމަ ގިނަ ފަހަރު ބޭންކެބިލިޓީ ނުވަތަ އޭގެއިން ލިބޭނެ މާލީ ފައިދާ ސާބިތުކުރަން ޖެހޭކަމަށެވެ. ނަމަވެސް، އެކަން އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސް ކުރިއަށްދާނީ މާދާމާގެ ނިޔަލަށެވެ.

comment ކޮމެންޓް