އެންބީއޭ ރައިޒިން ސްޓާސް މުބާރާތް ޓީމް ޔެލެން ކާމިޔާބުކޮށްފި

ރައިޒިން ސްޓާސް މުބާރާތުގެ އެމްވީޕީގެ މަގާމް ހޯދި މަތޫރިން ޕޮޓެއް އެޅުމަށް މަސައްކަތް ކުރަނީ / ފޮޓޯ: ޔޯވެލީ ޑޮޓް ނެޓް

އެންބީއޭ އޯލް ސްޓާ ވީކްއެންޑްގެ ދަށުން ކުޅުނު ޕަނީނީ ރައިޒިން ސްޓާސް މިނީ މުބާރާތް ޓީމް ޔެލެން ކާމިޔާބު ކޮށްފިއެވެ.

ޓީމް ޔެލެން މިމުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ޓީމް ޑެޓްލެފް ބަލިކޮށްގެންނެވެ.

މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެންބީއޭގައި އަރަމުން އަންނަ ޒުވާން ތަރިން ހަތަރު ޓީމަކަށް ބަހާލައި ސެމީފައިނަލްގެ ދެމެޗު ކުޅުމަށްފަހު މޮޅުވާ ދެޓީމްގެ މެދުގައި ފައިނަލް ކުޅޭ އުސޫލުންނެވެ. އަދި ސެމީފައިނަލް މެޗުތައް ހަމަޖެހިފައިއޮތީ އެންމެ ކުރިން 40 ޕޮއިންޓް ހަމަވާ ޓީމަކަށް އެމެޗު ކާމިޔާބު ކުރެވޭ އުސޫލުންނެވެ. އަދި ފައިނަލް މެޗު އޮތީ އެންމެ ކުރިން 25 ޕޮއިންޓް ހަމަވާ ޓީމަކަށް މުބާރާތް ކާމިޔާބު ކުރެވޭ އުސޫލުންނެވެ.

މިގޮތުން މިމުބާރާތުގައި ކުޅުނު ފުރަތަމަ ސެމީފައިނަލް ޓީމް ޔެލެން ކާމިޔާބު ކޮށްފައިވަނީ ޓީމް ޓަމީކާއާއި ބައްދަލުކޮށް 40 ޕޮއިންޓް 35 ޕޮއިންޓުންނެވެ. މިމެޗުގައި ޓީމް ޔެލެންއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދިން ބްރެންޑިކްޓް މަތޫރިންއެވެ. އަދި ޓީމް ޓަމީކާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އަށް ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ޖޭޑެން އައިވީއެވެ.

މިމުބާރާތުގައި ކުޅުނު ދެވަނަ ސެމީފައިނަލްގައި ޓީމް ޕައުއާ ބައްދަލުކޮށް، އެންބީއޭ ޖީ ލީގްއިން ހޮވާލެވިފައިވި ކުޅުންތެރިންގެ މައްޗަށް އެކުލެވުނު ޓީމް ޑެޓްލެފް ކާމިޔާބު ހޯދީ 41 ޕޮއިންޓް 36 ޕޮއިންޓުންނެވެ. މިމެޗުގައި ޓީމް ޑެޓްލެފްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން މެކް މެކްކްލުންގްއެވެ. އަދި ޓީމް ޕައު އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 11 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ވިކްޓާ ވެމްބަންޔާމާއެވެ.

މިމުބާރާތުގެ ފައިނަލް މެޗު ޓީމް ޑެޓްލެފް އާއި ބައްދަލުކޮށް ޓީމް ޔެލެން ކާމިޔާބު ކޮށްފައިވަނީ 26 ޕޮއިންޓް 13 ޕޮއިންޓުންނެވެ. މިމެޗުގައި ޓީމް ޔެލެންއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ފަސް ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ޔަލެން ވިލިއަމްސް އެވެ. އަދި ޓީމް ޑެޓްލެފް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އަށް ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން އޮސްކާ ޝިއެބްވޭއެވެ.

މިކާމިޔާބީއާއެކު ޕަނީނީ ރައިޒިން ސްޓާސްގެ ތަށި ޓީމް ޔެލެންއަށް ލިބިގެންދިޔައިރު މުބާރާތުގެ އެމްވީޕީގެ އިނާމް ލިބިގެންދިޔައީ ބެނެޑިކްޓް މަތޫރިންއަށެވެ.

comment ކޮމެންޓް