ނަތަންޔާހޫގެ ދަރިފުޅު އުޅެނީ އެމެރިކާގައި ފިލައިގެން ކަމަށް އިނގިރޭސި ނޫހަކުން ބުނެފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަރިކަލުން، ޔާއިރް ނަތަންޔާހޫ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަރިކަލުން، ޔާއިރް ނަތަންޔާހޫ އެމެރިކާގައި ފިލައިގެން އުޅޭ ކަމަށް އިނގިރޭސިވިލާތުގެ ނޫހަކުން ބުނެފިއެވެ.

އޭނާ ފިލައިގެން އުޅެނީ އިސްރާއީލު ސިފައިންނަށް ކަމަށްވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފްލޮރިޑާގެ އުސް އިމާރާތެއްގައި އެޕާޓްމެންޓެއްގައި ޔާއިރް އުޅެނީ މަހަކު 5000 ޑޮލަރު ދައްކައިގެންނެވެ. އުމުރުން 32 އަހަރުގެ ޔާއިރް އެ ޕާޓްމަންޓުގައި ދިރިއުޅޭ ފޮޓޯތައްވެސް އެ ނޫހުން ވަނީ އާންމުކޮށްފައެވެ.

ޑެއިލީ މެއިލްއިން ފާހަގަކުރި ގޮތުގައި ނަތަންޔާހޫގެ ދަރިކަލަކީ އުމުރުން 40 އަހަރު ވަންދެން އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ ތެރޭގައި ހިދުމަތް ކުރުމުގެ ޝަރުތު ހަމަވާ މީހެކެވެ. ނަމަވެސް ސިފައިންނަށް ހިދުމަތް ކުރަން ޖެހިދާނެތި ޔާއިރް ފިލައިގެން އުޅެނީ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތާލުމުގެ މަގްސަދުގައި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ދިނުމަށް ނަތަންޔާހޫ ވަނީ އިސްރާއީލުގެ އެތައް ސިފައިންނެއް ނެރެފައެވެ. ނަމަވެސް އޭނާގެ ދަރިފުޅު އުޅެނީ ވަރަށް އަރާމު ދިރިއުޅުމެއް ކަމަށް ނަތަންޔާހޫއާ އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އޭނާ އަންނަނީ އާދައިގެ ނިކަމެތި ރައްޔިތުންގެ ފުރާނަ ގުރުބާން ކުރަމުން ކަމަށް ނަތަންޔާހޫއާ އިދިކޮޅު ނޫހެއް ކަމަށްވާ ހާރޭޒްގެ ނޫސްވެރިޔާ އޫރީ މިސްގާވް ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ބޮޑު ބައެއް ޔާއިރް ހޭދަކުރީ އެމެރިކާގައެވެ. އަދި އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމާސްއިން ފެށި އޮޕަރޭޝަން އަލް އަގްސާ ފްލަޑް ފެށުމުގެ ކުރިން އޭނާ ދިޔައީ އެމެރިކާގެ ރައްޔިތުކަން ހޯދަމުގެ މަސައްކަތް ކުރަމުންނެވެ. ޔާއިރް އެމެރިކާގައި ދިރިއުޅެނީ ވަރުގަދަ ސެކިއުރިޓީއާއެކު ކަމަށްވެސް ޑެއިލީ މެއިލް އިން ރިޕޯޓުކުރެއެވެ.

comment ކޮމެންޓް