ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރު ދެއްކުމަށް، ރިވެލި ކާނިވަލް ފަށައިފި

ރިވެލި ކާނިވަލް ޑރ. އާއިޝަތު ޝިހާމް ފައްޓަވައިދެއްވަނީ ---- ސަން ފޮޓޯ/އިންފިނިޓް މޫވްމެންޓްސް/ މޫސާ ނަދީމް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ފަންނުވެރިކަން ދެއްކުމަށާއި އެފަރާތްތައް ބާރުވެރިކުރުމަށް ބާއްވާ "ރިވެލި ކާނިވަލް" ތަފާތު ގިނަ ހަރަކާތްތަކާއެކު މިއަދު ފަށައިފިއެވެ.

މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކާނިވަލް ހުޅުވައިދެއްވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމެވެ.

މި ކާނިވަލް ހުޅުވައިދެއްވުމަށްފަހު ޑރ. ޝިހާމް ވަނީ ކާނިވަލްގެ ސްޓޯލްތައް ބައްލަވައިލައްވައިފައެވެ.

މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށި ރިވެލި ކާނިވަލް މިރެއާއި މާދަމާ ވެސް ކުރިއަށް ދާނެއެވެ. އެގޮތުން މި ކާނިވަލް ކުރިއަށްދާނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ.

މިއަދު ހަވީރު 4:00 އިން 6:00އަށް ފުރަތަމަ ފަންފަޅި ކުރިއަށް ގެންދިޔަ އިރު މިރޭ 8:00އިން 10:00ގެ ނިޔަލަށް ކާނިވަލްގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި މާދަމާގެ ހަވީރާއި ރޭގަނޑު ވެސް ކާނިވަލްގެ ހަރަކާތްތައް އޮންނާނެއެވެ.

ރިވެލި ކާނިވަލް ޑރ. އާއިޝަތު ޝިހާމް ފައްޓަވައިދެއްވަނީ ---- ސަން ފޮޓޯ/އިންފިނިޓް މޫވްމެންޓްސް/ މޫސާ ނަދީމް

އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތަކާއި މުޖުތަމައުގައި އެ ފަރާތްތަކަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު މި ކާނިވަލްގެ ތެރެއިން ލިބޭނެ ކަމަށެވެ.

މި ކާނިވަލްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ފަންނުވެރިކަން ދައްކުވައިދޭ ގޮތަށް ގިނަ ސްޓޯލްތަކެއް ހުޅުވާފައިވާ ކަމަށް ވެސް އެ ވުޒާރައިން ބުންޏެވެ. އަދި މިއުޒިކް ހަރަކާތްތަކާއި ސްޓޭޖް ހަރަކާތްތަކުގެ އިތުރުން އެހެނިހެން ގިނަ ހަރަކާތްތައް ހިމެނޭ ގޮތަށް އެފަރާތްތަކުގެ ހުނަރުތައް މި ކާނިވަލްގެ ތެރެއިން ފެންނާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

comment ކޮމެންޓް