ގުރައިދޫ މަރުކަޒުގައި އާއިލާއާ ހަވާލު ކުރެވޭނެ 29 މީހުން އެބަ ތިބި: މިނިސްޓަރު

ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު --

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ފުރިހަމަ ކުރުމަށް ފަހު އާއިލާއާ ހަވާލުވާން ތައްޔާރަށް މިވަގުތު 29 މީހުން އެބަ ތިބި ކަމަށް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަރުކަޒުގެ އެންމެ ބޮޑު ބޭނުމަކީ އުމުރުން ދުވަސްވެފައިވާ މިހުން ނުވަތަ ޚާއްޞާ އެހީއަށް ބޭނުންވާ މީހުން މަރުކަޒަށް ގެނައި ނަމަވެސް އާއިލާއާއެކު މަސައްކަތް ކޮށްގެން އެމީހުންގެ ހާލަތު ރަނގަޅުވުމުން އާއިލާއާ ހަވާލުކުރުން ކަމަށެވެ.

އެހެންކަމުން، މަސައްކަތް ކުރަނީ މަރުކަޒަށް ގެންދާ މީހުންގެ އާއިލާތަކާ ގާތުން ކަމަށާއި، ހާލަތު ރަނގަޅުވުމުން އެމީހުން އާއިލާއިން ބަލައިގަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އެގޮތުން ގާތްގަނޑަކަށް 29 މީހުން އެބަ ތިބި ތައްޔާރުވެފައި އާއިލާތަކާ ހަވާލުވާން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަރުކަޒުގައި ތިބޭ މީހުންގެ ދުޅަހެޔޮކަމަށް ވެސް މިނިސްޓްރީން ސަމާލުކަން ދޭކަމަށެވެ. އެގޮތުން ކަސްރަތުކުރުން ފަދަ ކަންކަން ގަވާއިދުން ކުރިއަށް ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ މަރުކަޒުގެ ކަންކަމާއި ބެލެހެއްޓުން ރަނގަޅުކުރުމުގެ ދަށުން ކުރިއަށްގެންދާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓްރީގެ ދަށުން ބަލަހައްޓާ މަރުކަޒުތަކުގެ އާބާތުރަ ފިލުވުމަކީ ވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުރަން ފަށާފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުންނަ ހުރިހާ މަރުކަޒެއް އިތުރަށް އަބަދު ރަނގަޅު ކުރަމުން އެތަންތަނުގެ އާބާތުރަ ފިލުވަމުން ފެންވަރު ރަނގަޅު ކުރަމުން ގެންދަން ވިސްނަން..." މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރު މަހު ވެސް މިނިސްޓްރީން ވަނީ މަރުކަޒުގައި ތިބި ހަ މީހުން އާއިލާއާ ހަވާލުކޮށްފައެވެ. އަދި ނިމިދިޔަ ޖެނުވަރީ މަހު އެ ތަނުގައި ތިބި މީހުންގެ ތެރެއިން 19 މީހުން އާއިލާއާ ހަވާލު ކުރެވޭނެ ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ.

https://sun.mv/186892

މަރުކަޒުގައި އެކަނިވެރި ދިރިއުޅުމެއްގައި ތިބި ގިނަ ބަޔަކު އަލުން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރާ މަސައްކަތެކެވެ.

ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ 1976 ވަނަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ގާއިމުކުރި މަރުކަޒެކެވެ.

އެ މަރުކަޒަކީ ދިވެހި ރައްޔިތުންގެ ތެރެއިން ޖިސްމާނީ ގޮތުންނާއި، ނަފުސާނީގޮތުންނާއި، ސިކުނޑީގެގޮތުން ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ބަލަދުވެރިން ނުވަތަ ބެލެނިވެރިންނަށް ނުވަތަ އެ ނޫން ބަޔަކަށް ވެސް ސަލާމަތާއި ރައްކާތެރިކަމާ އެކު މުޖުތަމައުގައި އެ މީހުން ގެންގުޅެންދަތި މީހުންނާއި، ކުދިން ބަލަހައްޓާ މަރުކަޒެކެވެ.

comment ކޮމެންޓް