އިންޑޮނޭޝިޔާގެ އިންތިޚާބު ބޮޑު ތަފާތަކުން ސުބިއަންޓޯ ކާމިޔާބު ކުރައްވައިފި

އިންޑޮނޭޝިޔާގެ އިންތިޚާބު ކާމިޔާބުކުރެއްވި ޕްރަބޯވޯ ސުބިއަންޓޯ -- ފޮޓޯ/ރޮއިޓާސް

އިންޑޮނޭޝިޔާގެ އިންތިޚާބު ކުރީގެ އާމީ ޖެނެރަލް ޕްރަބޯވޯ ސުބިއަންޓޯ ކާމިޔާބު ކުރައްވައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުބިއަންޓޯ އިންތިޚާބު ކާމިޔާބު ކުރެއްވީ 58 އިންސައްތަ ވޯޓު ހޯއްދަވަގައިގެންނެވެ. އެއީ އޭނާއާ ވާދަކުރެއްވި އިންޑޮނީޝިޔާގެ ކުރީގެ ގަވަރުނަރު އަނީސް ބެސްވަޑާން ހޯއްދެވި ވޯޓުގެ ގާތްގަޑަކަށް ދެގުނަ އިތުރު އަދަދެކެވެ. ބެސްވަޑާންއަށް މިހާތަނަށް ގުނި ވޯޓުން ލިބިފައިވަނީ 22 ޕަސަންޓަށްވުރެ ދަށުންނެވެ. އަދި، ތިންވަނައިގައި އޮތީ ގަންޖަރު ޕްރަނޯވޯއެވެ.

އިންތިޚާބު ކާމިޔާބުވިކަން ކަށަވަރުވުމާ އެކު 72 އަހަރުގެ ސުބިއަންޓޯ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ މި ވަގުތަކީ އެންމެން އެއްވާންވީ ވަގުތުކަން ފާހަގަކުރައްވާ ރައްޔިތުންގެ މަސްލަހަތަކީ އެންމެ މަތީ މަސްލަހަތު ކަމަށް ބަލައިގެން ކުރިއަށްދާނެ ކަމަށެވެ. އަދި، މި ކާމިޔާބަކީ އިންޑޮނޭޝިޔާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބެއް ކަމަށް ވެސް ސުބިއަންޓޯ ވިދާޅުވިއެވެ.

ނަތީޖާއާ ގުޅިގެން 57 އަހަރުގެ ބެސްވަޑާން ވިދާޅުވީ ވޯޓު އެއްކޮށް ގުނާ އަދި ނުނިމޭ ކަމަށާއި ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ރައްޔިތުންގެ ނިންމުމަށް އިހުތިރާން ކުރާނެ ކަމަށެވެ.

ގާތްގަޑަކަށް 85 އިންސައްތައާއި 95 އިންސައްތައާ ދެމެދުގެ އަދަދަކަށް ވޯޓު މިހާރު ވަނީ ގުނާ ނިމިފައެވެ.

މި ފަހަރުގެ އިންތިޚާބުގައި މަކަރާއި ހީލަތުގެ ބޮޑެތި މައްސަލަތައް ހުރި ކަމަށް ގަންޖާރާއި އަނީސްގެ ކެމްޕޭން ޓީމުތަކުން މީގެ ކުރިން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ހެއްކެއް ފޯރުކޮށްދީފައެއްނުވެއެވެ.

އެއް ދުވަހުގެ ތެރޭގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު އެއް އިންތިޚާބުގައި 17،000 ސަރަހައްދުގައި ގާތްގަނޑަކަށް 259،000 ކެންޑިޑޭޓުންނާއި 18 ޕާޓީއަކުން 20،600 މަގާމަށް ވާދަކޮށްފައިވެއެވެ.

comment ކޮމެންޓް