އިންޑޮނޭޝިޔާގައި ފެންބޮޑުވެ، ބިންގަނޑު ކެނޑި 19 މީހުން މަރުވެއްޖެ

އިންޑޮނޭޝިޔާގައި ބިންގަނޑު ކެނޑި 19 މީހުން ވަނީ މަރުވެފައި. ފޮޓޯ/އަލްޖަޒީރާ

އިންޑޮނޭޝިޔާގެ ހުޅަނގުގައި އޮންނަ ސުމާތްރާއަށް ބޯކޮށް ވާރޭވެހި, ފެންބޮޑު, ބައެއް ސަރަހައްދުތަކުގެ ބިންގަނޑު ކެނޑުމާ ގުޅިގެން 19 މީހުން މަރުވެ, ގިނަ އަދަދެއްގެ ބަޔަކު ގެއްލިއްޖެއެވެ.

އެ ހާދިސާތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ސުމާތްރާ ޕުރޮވިންސުގެ ޕަސިސީރް ސްލާތާން ޑިސްޓްރިކްޓަށެވެ.

އިންޑޮނީޝިޔާގެ ކާރިސާތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ޑޮނީ ޔުސްރިޒާލް ވިދާޅުވި ގޮތުގައި ކޯޓޯ ސީ ތަރޫސާން އަވަށާއި، އިތުރު ދެ އަވަށަކުން މިހާތަނަށް ހަތް މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އޭގެ އިތުރުން ޕަސިސީރް ސްލާތާނުން މަރުވި ހަ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު, އެ ޑިސްޓްރިކްޓާ އިންވެގެން އޮތް ޕަޑަންގް ޕަރިއަމާން ޑިސްޓްރިކްޓުން ވެސް އިތުރު ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ކާރިސާތަކާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އެއާއެކު މަރުވި މީހުންގެ އަދަދު 19 އަށް އުފުލިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ 80،000 އަށް ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. އޭގެތެރެއިން ގިނަ ބަޔަކު މިހާރު ތިބީ އިންޑޮނޭޝިޔާ ސަރުކާރުން ހިންގާ ވަގުތީ ހިޔާތަކުގައެވެ.

ފެންބޮޑުވުމަކީ އިންޑޮނީޝިޔާގައި ވަރަށް އާންމުކޮށް ހިނގާ ހާދިސާއެކެވެ. ހުސްވި އަހަރުގެ ޑިސެންބަރު މަހު ވެސް ސުމާތްރާއަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވެ, ބިންގަނޑު ކެނޑުނެވެ. ތޯބާ ފެންގަނޑު ކައިރީގައި ހިނގި އެ ހާދިސާގައި ގިނަ އަދަދެއްގެ ގެދޮރު ހަލާކުވެ, ދެ މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް