މެޑިސިން ޕޮލިސީ އެކުލަވާލައި، އަސާސީ ބޭހުގެ ލިސްޓު ބޮޑުކުރަން މަޝްވަރާކުރަނީ

ބޭސް ޑިސްޓްރިބިއުޝަން ސެންޓަރެއް: މެޑިސިން ޕޮލިސީ އެކުލަވާލައި، އަސާސީ ބޭހުގެ ލިސްޓު ބޮޑުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭއިން ބުނޭ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މެޑިސިން ޕޮލިސީ އެކުލަވާލައި، އަސާސީ ބޭހުގެ ލިސްޓު ބޮޑުކުރަން މަޝްވަރާކުރަން ފަށައިފިއެވެ.

މެޑިސިން ޕޮލިސީ އިފްތިތާހު ކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ޕޮލިސީގައި ވަނީ އަސާސީ ލިސްޓުގައިވާ ހުރިހާ ބޭހެއް އާސަންދައިން ފޯރުކޮށްދޭނެ ކަމަށެވެ.

މި ޕޮލިސީއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮންސަލްޓަންޓެއްގެ ލަފާ ހޯދާފައިވާއިރު، އެ ލަފާގައިވަނީ ކޮންމެ ބައްޔަކަށް ސްޓޭންޑާޑް ޓްރީޓަމަންޓް ގައިޑްލައިނެއް އެކުލަވާލުމަށެވެ. އަދި އެބަލިތަކަށް ދޭނެ ބޭސްތައް އަސާސީ ބޭހުގެ ލިސްޓުގައި ހިމަނައި، އަސާސީ ބޭހުގެ ލިސްޓުން ބޭރު ބޭސްތައް ގަންނަން ޖެހޭ ގޮތަށް އުސޫލު އެކުލަވާލަން އޭނާ ވަނީ ލަފާ ދެއްވައިފައެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭގެ އޮފިޝަލަކު ވިދާޅުވީ، މިފަދަ ގައިޑްލައިނެއް އެކުލަވާލުމުން ބަލިމީހުންނަށް ބޭސް ދިނުމުގައި އެންމެ ފުރަތަމަ ދޭނީ ކޮން ބޭހެއްތޯ ބަލައި، ބަލި ހުރި މިންވަރަށް ބޭސް ދެވޭނެ ކަމަށެވެ.

"މިސާލަކަށް ހަކުރު ބަލި ހުރިކަން އެނގޭ ހިސާބުން އެންމެ ފުރަތަމަ އެންމެ ބޮޑެތި އެންމެ ގިނަ ދުވަހު ބަލި ތަހައްމަލް ކޮށްފައިވާ މީހުންނަށް ދޭ ބޭހުގެ ބަދަލުގައި ފަށާނީ އެންމެ ދަށްކޮށް،" އޮފިޝަލް ވިދާޅުވިއެވެ.

އަސާސީ ބޭހުގެ ލިސްޓާ ގުޅިގެން އޮފިޝަލް ވިދާޅުވީ، އެ ލިސްޓުގައި ހުރިހާ ބައްޔަކަށް ބޭނުންކުރާ ހުރިހާ ބޭސްތަކެއް ހިމެނޭނެ ކަމަށެވެ. އަދި މިހާރު އެ ލިސްޓުގައި 400 ބޭސް ހިމެނުނު ކަމުގައި ވީނަމަވެސް، ލިސްޓު އެކުލަވާލައި ނިމޭއިރު އެ އަދަދު 4000އަށް ވުރެ މައްޗަށް އަރާފާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަސާސީ ބޭހުގެ ލިސްޓު މިހާރު ރިވިއު ކުރަނީ ދެ އަހަރުން އެއް އަހަރުކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އަސާސީ ބޭހުގެ އާ ލިސްޓު އެކުލަވައިލެވުމުން ހަ މަހުން އެެއް މަހު ލިސްޓު ރިވިއު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"... އަސާސީ ބޭހުގެ ތެރޭގައި ނުހިމެނޭނީ މިސާލަކަށް ބޮލުން އިސްތަށި ފައިބާތީ ބޭނުންކުރާ ބޭސް، ޓޮނިކް ކަހަލަ އެއްޗެހި. ރިކޮމެންޑޭޝަންގައި ވަނީ އެ އެއްޗިހިން ކޯ ޕޭމަންޓެއް ނަގައިފަ އާސަންދައިން ބާކީ ބައި ކަވަރު ކުރެވިދާނެއޭ،" އޭނާ ވިދާޅުވިއެވެ.

އެމްއެފްޑީއޭގެ އޮފިޝަލް ވިދާޅުވީ، އަސާސީ ބޭހުގެ ލިސްޓުގެ ސަބަބުން އަތުން ފައިސާ ދައްކައިގެން ގަންނަން ޖެހޭ ބޭސް އިތުރު ނުވާނެކަމަށެވެ. އަދި މިއީ ހަމައެކަނި ލަފައެއް ކަމަށާއި މިހާތަނަށް އެކަމަށް ގޮތެއް ނުނިންމާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް