ރަޝިއާ ބަލިކުރެވޭނެކަމަށް ބަލައި ޔުކްރެއިނަށް ހަތިޔާރު ދިނުމަކީ ބޭކާރުކަމެއް: މަސްކު

އީލޮން މަސްކް

ވޮޝިންޓަން (14 ފެބްރުއަރީ 2024) : ރަޝިއާ އަސްކަރީ ގޮތުން ބަލިކުރެވޭނެކަމަށް ހީކޮށް ޔުކްރެއިނަށް ހަތިޔާރު ދިނުމަކީ ބޭކާރު ގޮތުގައި ކުރެވޭ ޚަރަދެއްކަމަށް ދެކުނު އެފްރިކާ ދަރިކޮޅުގެ އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެއެވެ.

މަސްކު މިހެން ވިދާޅުވީ އެމެރިކާއިން ޔުކްރެއިނަށް 60 ބިލިޔަން ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އެހެން އެހީތައް ދިނުމަށް ގޮވާލާ އެމެރިކާގެ ކޮންގްރެސްގައި ކުރި ބަހުސަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަ ފުޅެއްގައެވެ.

މަސްކު ވިދާޅުވިގޮތުގައި ރަޝިއާއަކީ އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުގެ އަސްކަރީ އިންޑަސްޓްރީން އުފައްދާ މިންވަރަށް ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ހުރި ގައުމެކެވެ. އަދި ރަޝިއާއަކީ ދުނިޔޭގެ އެއްވަނަ ނިއުކްލިޔާ ބާރުކަމަށް ވުމުން ޔުކްރެއިންއަށް ރަޝިއާގެ މައްޗަށް އަސްކަރީގޮތުން ކުރި ހޯދުމަކީ ކުރެވޭނެކަމެއް ނޫނެވެ.

މަސްކު ވިދާޅުވިގޮތުގައި ޔުކްރެއިންއަށް ކާމިޔާބު ހޯދޭނެކަމަށް ބަލައި ޔުކްރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ބޭކާރު ކަމެކެވެ. ނަތީޖާ ނުނެރެވޭނެ ކަމެކެވެ.

މަސްކު ވިދާޅުވިގޮތުގައި ޔުކްރޭން ހަނގުރާމާގައި ރަޝިއާ ބަލިކުރެވޭނެ ގޮތަކީ ނެތްގޮތެކެވެ. އެމެރިކާއާ ނޭޓޯގެ އެހެން ގައުމުތަކުން ޔުކްރޭން ފޯރުކޮށްދޭ ހަތިޔާރުގެ ސަބަބުން ޔުކްރެއިން ހަނގުރާމަ ދިގުލައިގެން ދިޔުން ނޫންކަމެއް ނުވާނެ ކަމަށާއި ރަޝިއާއާއެކު ޔުކްރެއިން ވާހަކަ ދައްކައިގެން ނޫންގޮތަކަށް ޔުކްރެއިންއަށް ނަތީޖާ ނުނެރެވޭނެ ކަމަށް ވެސް މަސްކު ވިދާޅުވިއެވެ.

ޔުކްރެއިން ހަލާކުވެ ސުންނާފަތިވީވެސް އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ސުލްހަވެރި ގޮތުގައި މައްސަލަ ހައްލުކުރަން އުޅުމުގެ ބަދަލުގައި ޔުކްރެއިނަށް ހަތިޔާރު ދީގެން ހަނގުރާމަ ދިގުދަންމަން ކުރި މަސައްކަތުގެ ސަބަބުން ކަމަށްވެސް މަސްކް ވިދާޅުވިއެވެ.

މަސްކުގެ މިވާހަކަތަކަށް އެމެރިކާގެ ވަކި ފަރާތަކަށް ނުޖެހޭ ތަޖުރިބާކާރު ބައެއް ބޭފުޅުން ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް ޔުކްރެއިން ހަނގުރާމައަށް ދަރުއެޅުމުގެ ހަރުކަށި ވިސްނުމާ އަދި ތަޅާފޮޅުމުގެ ވިސްނުން ގެންގުޅޭ ކޮންގްރެސްގެ މެންބަރުން ވަނީ މަސްކުގެ މި ވާހަކަތަކާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ޔުކްރޭން ހަނގުރާމައަށް އޮތް ހައްލަކީ މަޝްވަރާކުރުން ކަމަށް މަސްކު ދެކޭތީ އެމެރިކާގެ ސިޔާސީ ހަރުކަށި ފަރާތްތައް މާކުރީއްސުރެވެސް މަސްކާ މެދު ހިތްހަމަ ނުޖެހެއެވެ. މަސްކު ވަނީ ހަނގުރާމަ ހުއްޓާލައި ޔުކްރޭން ބިނާކުރަން ފުރުސަތު ދިނުމަށް ބާރުއެޅުމަށް އެމެރިކާއަށާއި ޔޫރަޕަށް މީގެ ކުރިންވެސް ގޮވާލައްވާފައެވެ.

މަސްކު ވަނީ ހަނގުރާމައާއި ތަޅާފޮޅުމަށް އެމެރިކާ ކުރާ އަގު ބޮޑު ޚަރަދުތައް އެމެރިކާގެ ތަރައްގީއަށާއި އެމެރިކާގެ ފަގީރުންގެ ހާލަތު ރަނގަޅު ކުރުމުގެ މަޝްރޫއުތަކަށް ކުރުމަށްވެސް ގޮވާލައްވާފައެވެ. މީގެ ބައެއް ވާހަކަތައް އޭނާ ވަނީ އެކި ފަހަރުމަތިން އެކްސް ގައިވެސް ހިއްސާ ކުރައްވާފައެވެ.

comment ކޮމެންޓް