އެމްޑީޕީން ދިން ގެއްލުމުގެ ބަދަލު ހޯދައި، ނަސީރުގެ ޓިކެޓު ހިފައްޓަން ޖާބިރު ކޯޓަށް

އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: ޖާބިރުގެ ޓިކެޓު އަތުލި މައްސަލަ އޭނާ ވަނީ ކޯޓަށް ހުށަހަޅާފައި -- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި، އެ ދާއިރާގެ މެންބަރުކަން މިހާރުވެސް ކުރައްވާ އަބްދުﷲ ޖާބިރުގެ ޓިކެޓް އަތުލި މައްސަލަ އޭނާ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ޖާބިރު ކޯޓަށް ހުށަހެޅި މައްސަލައިގައިވަނީ، ޓިކެޓު އަތުލުމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން އެދިފައެވެ. އަދި ކާށިދޫ ދާއިރާގެ ޓިކެޓް އެމްޑީޕީން ފަހުން ދިން، މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އަންޑަ ސެކެޓްރީގެ މަގާމު އަދާކުރެއްވި އަބްދުﷲ ނަސީރުގެ ޓިކެޓު ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފައެވެ.

އެ މައްސަލައިގައި ވަނީ، އެމްޑީޕީން ޖާބިރުގެ ޓިކެޓު އަތުލާފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 20ވަނަ މައްދާއާ ޚިލާފަށް ކަމަށެވެ. އަދި އެމްޑީޕީން ވަނީ ކާށިދޫ ރައްޔިތުން އޭނާއަށް ދީފައިވާ ރުހުމާ ދެކޮޅަށް އޭނާގެ ޓިކެޓު އަތުލައި ޕާޓީން ވަކިކޮށް، އޭނާގެ އިންތިޚާބީ ހައްގަށް އަރައިގަނެފައި ކަމަށާއި އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޓިކެޓު ދީފައި ވަނީ ޕްރައިމަރީގައި ވާދަ ވެސް ނުކުރާ މީހަކަށް ކަމަށް ޖާބިރު ހުށަހެޅި މައްސަލައިގައި ވެއެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ އިސްތިއުނާފީ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ނުނިމެނީސް، އެމްޑީޕީން ޕްރައިމަރީއަކާ ވެސް ނުލައި އެހެން މީހަކަށް ދީފައިވާ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ބަންދު ނުކޮށްފި ނަމަ ޖާބިރަށް ލިބިދޭ އިންތިޚާބީ ހައްގު ގެއްލޭކަމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި ވެއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: އޭނާވަނީ އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވަން ފޯމް ހުށަހަޅުއްވާފަ -- ފޮޓޯ/ މަޖިލިސް

މިހިނގާ 19ވަނަ ރައްޔިތުންގެ މަޖިލީހަށް ޖާބިރު ހޮވިވަޑައިގަތީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ.

ޓިކެޓު އަތުލައި، އެމްޑީޕީން ޖާބިރު ވަކިކުރުމުން އޭނަ މިއަދު ވަނީ އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރުމަށް ފޯމު ހުށަހަޅާފައެވެ.

އެ ޕާޓީން ޕްރައިމަރީ ބޭއްވިތާ ދެދުވަސް ފަހުން ޖާބިރުގެ ޓިކެޓު އަތުލައި ޕާޓީ ވަކިކުރީ އޭނާ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މުޖުތަމައުގެ އާންމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރައްވަމުންދާ ކަމަށް ބުނެއެވެ.

comment ކޮމެންޓް