ހަވާލުވާން ނާންނަ މީހުން ފިޔަވާ އެންމެންނަށް ގޯތި ދޫކޮށް ނިމިއްޖެ: މިނިސްޓަރު

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ/ މާހިލް އާތިފް

ބިންވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން މާލޭ މީހުންނަށް ދޫކުރި ގޯއްޗަށް ޝަރުތުހަމަވެ، ގޯތި ލިބުނު އެންމެންނަށްހެން ގޯތީގެ ރަޖިސްޓްރީ ދޫކޮށް ނިންމައިލެވިފައިވާ ކަމަށާއި މިހާރު ދޫނުކުރެވި ހުރީ ރަޖިސްޓްރީއާ ހަވާލުވާން ނާންނަ މީހުންގެ ރަޖިސްޓްރީ އެކަނި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ތެރެއިން މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު މިއަދު ވިދާޅުވީ، ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީއާއި ލިޔުން ހަވާލުކުރުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް އެއްކޮށް ނިންމައިލެވިފައިވާ ކަމަށެވެ.

އެކަމަކު، އަދިވެސް ރަޖިސްޓްރީ ދޫނުކުރެވޭ ބައެއް މީހުން ތިބިކަން ފާހަގަކުރައްވައި ހައިދަރު ވިދާޅުވީ، އެއީ މިނިސްޓްރީން ގުޅުމުން މިހާތަނަށް ރަޖިސްޓްރީއާ ހަވާލުވާން ނާންނަ މީހުން ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގެ ކޮމިޓީގައި -- ފޮޓޯ/ މަޖިލިސް

"ގޯތި ދޫކޮށްފައި ހުރި ހުރިހާ އެންމެންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ކޮށް ނިންމައިލެވިއްޖެ. ހަވާލުވާން ނާންނަ މީހުން ފިޔަވާ،" ބޯހިޔާވަކަމުގެ ސިޔާސަތާ ގުޅިގެން ކަންބޮޑުވުން ބޮޑުވެ، މަޖިލީހުން ރުހުން ނުލިބުނު މިނިސްޓަރު ހައިދަރު މިއަދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރެޖިސްޓްރީއާ ހަވާލުވާން ނާންނަ މީހުންނަށް މިހާރު ވެސް މިނިސްޓްރީއަށް ގޮސް، ރަޖިސްޓްރީއާއި ލިޔުން ހޯދޭނެ ކަމަށެވެ.

"އޭގެ އިންތިޒާމުތައް މިހާރު ވެސް ރާވާފައި އެބަހުރި، މިހާރު ވެސް އައިސް ފޯމާ ހަވާލުވެވޭނެ،" ހައިދަރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ނިންމީ ގޯއްޗަށް އެދި ހުށަހެޅި 18،955 މީހުންނަށް 9001 ގޯތި ދޭން ނިންމައިފައެވެ. ގޯތި ދެނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

comment ކޮމެންޓް