ފުލެޓަށް ދޮގު މައުލޫމާތު ދިން މީހުންގެ އެއްބަސްވުން ބާތިލުވާނެ: މިނިސްޓަރު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގެ ކޮމިޓީގައި: މިނިސްޓަރު ވިދާޅުވީ ދޮގު މައުލޫމާތު ދިން މީހުންގެ އެއްބަސްވުން ބާތިލުވާނެ ކަމަށް -- ފޮޓޯ: މަޖިލިސް

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ 4،000 ފުލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވީ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން ފޯމުތަކުގައި ދޮގު މައުލޫމާތު ދިން މީހުންގެ އެއްބަސްވުން ބާތިލުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން އާންމުކުރި ފުލެޓު ލިސްޓާ ގުޅިގެން ކަންބޮޑުވުން ބޮޑުވެފައި އޮއްވައި އޭސީސީން ވަނީ އެ ލިސްޓުގައި ނަން އޮތް 60 އިންސައްތައެއްހާ މީހުންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެފައެވެ. އެ ކޮމިޝަނުން ބުނީ، ޝަރުތު ފުރިހަމަވެ، ފޯމުގައި އެއްވެސް މައްސަލައެއް ނެތީ މިދިޔަ ސަރުކާރުން އާންމުކުރި ލިސްޓުގައި ހިމެނޭ އެންމެ 20 އިންސައްތަ މީހުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ މިނިސްޓަރު ހައިދަރު ހާޒިރުކޮށްފައެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޝަރުތު ހަމަވިކަމަށް އޭސީސީން އެންގި މީހުންނަށް ފުލެޓު ދިނުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ.

އެކަމަކު، ޝަރުތުހަމަނުވާ ކަމަށް އޭސީސީން ކަނޑައެޅި 60 އިންސައްތަ މީހުންގެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ހައިދަރު ވިދާޅުވީ ފުލެޓަށް ކުރިމަތިލާއިރު ދެވޭ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ނަމަ، އެ އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށް ޕޯޓަލްއަށް މައުލޫމާތު ހުށަހަޅާއިރު ވެސް ފެންނަން އޮންނާނެ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް (ވ) ރިޔާސީ ބަޔާން އިއްވެވި ޖަލްސާއަށް ވަޑައިގަންނަވަނީ -- ފޮޓޯ/ މަޖިލިސް

"ޝަރުތުހަމަނުވާކަން ކަނޑައެޅިގެން އެނގޭ ބަޔަކަށް ދޫކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ތި ބޭފުޅުންނަށް ވެސް ގަބޫލުކުރެއްވޭނެ ކަމަށް ދެކެނީ،" މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވެ، ފުލެޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން ދޮގު މައުލޫމާތު ދިން މީހުންނާއި އޮޅުވައިލި މީހުންގެ އެއްބަސްވުންތައް ބާތިލުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޝަރުތުހަމަނުވާ ކަމަށް ވަންޏާ ވެސް އެގްރީމެންޓު ބާތިލުވާނެ. ދޮގު މައުލޫމާތު ހުރި ކަމަށްވަންޏާ ވެސް އެ އެގްރީމެންޓު ބާތިލުވާނެ. އެ ހުރިހާ ކަމެއް އެ އޮތީ ލިޔެފައި ފޯމުގައި ސޮއިކުރާއިރު. އެގްރީމެންޓުގައި ވެސް ފޯމުގައި ވެސް މި އޮންނަނީ އެ ވާހަކަތައް ލިޔެވިފައި،" ހައިދަރު ވިދާޅުވިއެވެ.

އޭސީސީގެ ލަފަޔާ އެއްގޮތަށް އެ މީހުންގެ ޝަރުތު ހަމަވޭތޯއާއި އޭސީސީގެ ލަފާ ރަނގަޅުތޯ މިނިސްޓްރީން ކަށަވަރުކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ އަރުވައިފައެވެ.

https://sun.mv/188624

ފުލެޓަށް ކުރިމަތިލާއިރު ޕޯޓަލްއަށް ދޭ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ނަމަ، އެއްބަސްވުން ބާތިލުވާނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެހެންވެ ޝަރުތުހަމަނުވާ މީހުންނަށް ފުލެޓު ދޫނުކުރާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުން، ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ޖިނާއީ ތަހުގީގެއް ފެށިއެވެ.

އެ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މި މަހުގެ އެކެއްގައި އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ހުއްދަ ދިން ނަމަވެސް، އެ ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް