ރުހުން ނުލިބުނު ވަޒީރުން އައްޔަންކުރީ ގާނޫނާ ހިލާފަށްތޯ ބަލަނީ

ރުހުން ނުދިނުމުން އަލުން އައްޔަން ކުރެއްވި ތިން މިނިސްޓަރުން--

ރައްޔިތުންގެ މަޖިލީހުން ރުހުންނުދޭން ފާސްކުރި ތިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަންކުރި މައްސަލައިގައި މަޖިލީހުން އަމަލުކުރާނެ ގޮތެއް ނިމެންދެން އެ ބޭފުޅުންނަށް ރުހުންދިނުމުގެ މައްސަލަ އެޖެންޑާނުކުރާން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ނިންމަވައިފިއެވެ.

އާ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދޭން ދައުރުން ބޭރުން މިދިޔަ މަހު 29 ގައި ބޭއްވި ޖަލްސާގައި ތިން ވަޒީރަކަށް ރުހުން ނުލިބުނެވެ. އެއީ،

  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރުހުން ނުލިބުނު ވަޒީރުން ހަމަ އެ މަގާމުތަކަށް އަލުން އައްޔަންކުރައްވައިފައެވެ. އެހެންވެ، ރުހުން ނެތް ނަމަވެސް އެ ބޭފުޅުންނަށް ވަނީ ވަޒީރުކަމުގެ ހުވައި ވެސް ލައިދެއްވައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވީ، މި މައްސަލައިގައި މަޖިލީހުން އަމަލުކުރާނެ ވަކި ގޮތެއް ކަނޑައެޅެންދެން އެ ވަޒީރުންނަށް ރުހުންދޭން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ އެޖެންޑާނުކުރާނެ ކަމަށެވެ.

އެހެންވެ، ވަޒީރުންނަށް ރުހުންދިނުމުގެ ބަދަލުގައި މިއަދަށް އެޖެންޑާކޮށްފައިވަނީ ތިން ވަޒީރުން އައްޔަންކުރުމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ގަރާރެވެ. އެ ގަރާރުގައި އީވާ ވަނީ މަޖިލީހުގެ ބަރުލަމާނީ ބާރަށް ސަރުކާރުން އިހުތިރާމުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ގަރާރުގައި ފާހަގަކޮށްފައިވަނީ ވަޒީރުން އަލުން އައްޔަންކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

"އަޅުގަނޑު ގަސްތުކުރަނީ މި ދެންނެވި ގަރާރުގެ މަސައްކަތް ނިމި، ރައްޔިތުންގެ މަޖިލީހުން ރުހުންލިބިފައިނުވާ ތިން ވަޒީރުން، ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވާފައިވާ މައްސަލަ އެޖެންޑާކުރުން ފަސްކުރުމަށް ކަމަށް ދަންނަވަން،" ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވިއެވެ.

https://sun.mv/188041

އަސްލަމް ފާހަގަކުރެއްވި ގޮތުގައި މިފަދަ ކަމެއް މީގެ ކުރިން 2010 ވަނަ އަހަރު ވެސް ހިނގާފައިވެއެވެ.

އެ ފަހަރު ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެއްވި ޑރ. އަހުމަދު އަލީ ސަވާދަށް ރުހުން ނުލިބުމުން ދެވަނަ ފަހަރަށް އެ ބޭފުޅާ އެ މަގާމަށް އައްޔަންކުރެއްވުމުންނެވެ. އެކަމަކު، އެ ފަހަރު ދެވަނަ ފަހަރަށް ރުހުން ހޯދަން ވޯޓަށް އެހުމުން ވެސް އެ ބޭފުޅާއަށް ރުހުމެއް ނުލިބުނެވެ. އެހެންވެ، އޭރުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެހެން ބޭފުޅަކު ބަންޑާރަނައިބު ކަމަށް އައްޔަންކުރައްވާފައެވެ.

comment ކޮމެންޓް