ރައީސާއި އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް މިއަދު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ދުބާއީގައި ފެށި ވޯލްޑް ގަވަމަންޓް ސަމިޓުގެ ހަވާސާގައެވެ.

ބައްދަލުކުރެއްވުމުގައި ކުރެވުނު މައިގަނޑު މަޝްވަރާތަކުގެ ތެރޭގައި މިހާރު ވެސް ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިއްހީ ދާއިރާގެ އިތުރުން އިގްތިޞާދީ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސްވަނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް އެކުވެރި ގުޅުން ފާހަގަކުރައްވައި، އަބޫދާބީ ފަންޑުން ރާއްޖޭގެ ތަރައްގީއަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވައިފައެވެ. އަދި ރައީސް ވަނީ އެ ކަމަށް ޓަަކައި ޝުކުރު ވެސް އަދައިކުރައްވައިފައެވެ.

އެއާއެކު ސައިފްވަނީ ރާއްޖެއާއެކު މަސައްކަތްކުރުމަކީ އުފާކުރައްވާ ކަމެއްކަން ފާހަގަކުރައްވައި އަބޫދާބީ ފަންޑުގެ އެހީތެރިކަން، ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކަށް ލިބޭނެކަން ފާހަގަކުރައްވައިފައެވެ.

ގަވަމަންޓު ސަމިޓުގައި ރައީސް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރާއްޖެ ގަޑިން 16:40 ހާއިރެވެ. މިއީ މި ސަމިޓުގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގެން ތަގުރީރުކުރައްވާނެ ފުރަތަމަ ފަހަރެވެ.

ރައީސް މިހާރު ދުބާއީއަށް ކުރައްވައި މި ދަތުރުފުޅުގެ އެންމެ މުހިންމު އެޖެންޑާއަކީ ދުބާއީގައި ބާއްވާ އިންވެސްޓް މޯލްޑިވްސް ފޯރަމެވެ.

ޔޫއޭއީގައި ހުންނަވާ، ދިވެހި ސަރުކާރުގެ އެމްބެސެޑާ އެޓް ލާޖް މުޙައްމަދު ހުސައިން ޝަރީފް (މުންދު) ދަތުރުގައި ބައިވެރިވާ ނޫސްވެރިންނަަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ފޯރަމުގައި 300އާ ގާތްކުރާ އަދަދަކަށް ބައިވެރިން ރަޖިސްޓަރުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް