ރަފަހްއަށް އަރައި ހަމަލާދޭނަން: ނަތަންޔާހޫ

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި ރަފަހް ސިޓީގައި ދިރިއުޅޭ ޣައްޒާގެ ބަޔަކު. ފޮޓޯ/އަލްޖަޒީރާ

އިސްރާއީލު ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އެތައް މިލިއަން ބަޔަކު ހިޔާވަހިކަން ހޯދަމުންދާ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީއަށް އަރައި ހަމަލާދޭނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

އެގޮތުން ރަފަހްގައި ހިންގާ އަސްކަރީ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ނަތަންޔާހޫ އެންމެ ފަހުން ހޮނިހިރު ދުވަހު ދެއްވި ބަސްދީގަތުމެއްގައިވެސް ވަނީ ވިދާޅުވެފައެވެ.

ނަތަންޔާހޫ އެގޮތަށް ވިދާޅުވެފައި ވަނީ އިސްރާއީލުން ރަފަހަށް އަރައިގަތުން ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރިކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިސްރާއީލު ފައުޖުތަކުން ރަފަހަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމަށް އިއުލާނުކޮށްފައިވާއިރު، އިއްޔެ ރޭ ރަފަހަށްދިން ހަމަލާތަކުގައިވެސް ފަލަސްތީނު 25 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ހަމަލާތައް ވަރުގަދަ ކުރުމުގެ ކުރިން އެ ސިޓީގައި ތިބި މީހުން ހުސްކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

ނަމަވެސް ޣައްޒާގެ އެތައްހާސް ބަޔަކު ރަފަހް ސިޓީއިން ބޯހިޔާވަހިކަން ހޯދައިގެން ތިބިއިރު، ރަފަހް ހުސްކުރުމަށް އެންގިޔަސް ޣައްޒާއާއި މިސްރު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ރަފަހް ސިޓީގައި މިވަގުތު ދިރިއުޅެމުން އަންނަ އެންމެ ދާނެ ވަކި ތަނެއް ނެތެވެ. މިސްރާއި ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގުވެސް ވަނީ ބަންދުކޮށްފައެވެ.

ރަފަހަށް ނާރާށޭ ބުނާ މީހުން އެ ބުނަނީ އިސްރާއީލުން ހަނގުރާމައިން ބަލިވާށޭ ކަމަށާއި ހަމާސް އެތަނުގައި ބައިތިއްބާށޭ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.

ރަފަހަށް އިސްރާއީލު ސިފައިން އަރާނެ ކަމުގެ އިންޒާރު ދިނުމުން އިސްރާއީލުގެ މިތުރު، އެމެރިކާއިން ވެސް ވަނީ ނުރުހުން ފާޅުކޮށް, އެ ކަމަށް ތާއީދު ނުކުރާނެ ކަމަށް ބުނެފައެވެ.

ރަފަހަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް އިސްރާއީލު ފައުޖުތަކުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި, އެ ސިޓީގައި ހާލުގައި ޖެހިފައިވާ 1.4 މިލިޔަނަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ވެސް ފޯރުކޮށްދެމުން ނުދެއެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ފައުޖުތަކުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 28،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަހަމްކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 67،000 އަށް އުފުލިފައެވެ.

comment ކޮމެންޓް